ލިޔޯން (ޖޫން 14) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިއަސް ބެންޗުގައި ހުރި ނަމަވެސް އޭނާ އަކީ ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ސްޕެއިން ޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.
ރޭގެ މެޗުން ޗެކް ރިޕަބްލިކް އަތުން ސްޕެއިން މޮޅުވީ މެޗުގެ ފަހު ވަގުތު ޖެރާޑް ޕީކޭ ޖެހި ލަނޑުންނެވެ. މި މެޗުގައި ސްޕެއިނުގެ ގޯލު ބެލެހެއްޓީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ. މިއީ ކަސިއަސް ފިޓްކޮށް ހުއްޓައި ސްޕެއިނުން މިދިޔަ 8 އަހަރު ތެރޭ އެހެން ކީޕަރެއް ފުރަތަމަ އެގާރައިގައި ކުޅުވި ފުރަތަމަ ފަހަރެވެ.
ކަސިއަސް ވަނީ 2008 އާއި 2012 އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ސްޕެއިން ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓިއިރު ކަސިއަސްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ.
ޑެލް ބޮސްކޭ ބުނީ ކަސިއަސް އަކީ ލީޑަރެއް ކަމަށާއި މި މުބާރާތުގައި އޭނާގެ ކުޅުން ފެންނާނެ ކަމަށެވެ.
"ކަސިއަސް އަކީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް މިސާލެއް، ބެންޗުގައި ހުންނައިރު ވެސް އޭނާ ދިޔައީ ޓީމަށް ސަޕޯޓް ދެމުން ޓީމަށް. ބޭނުންވަނީ އެ ކަހަލަ ލީޑަރުން. ކިހިނެއް އެނގެނީ ދެން އޮތް މެޗުން އޭނާ ނުފެންނާނެ ކަމެއް؟،" ޑެލް ބޮސްކޭ ބުންޏެވެ.
އޭނާ ބުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދިމާވި ގޮތުން މި މުބާރާތުގެ ފުރަތަމަ މެޗަށް ނުކުތީ ކޮންމެ ގޮތަކަށް ނަމަވެސް މޮޅެއް ހޯދުމަށް ކަމަށެވެ.
"ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މޮޅެއް ހޯދަން ނުކުތީ. އެކަން ހާސިލްވުމުން ހިތްހަމަޖެހޭ. ބޭނުމީ ގްރޫޕްގެ އެއް ވަނަ. އެއީ މި ފަދަ މުބާރާތެެއްގައި ނޮކައުޓް ބުރަށް ތައްޔާރުވާން ޖެހޭނީ ވަަރަށް ކޮންފިޑެންސާ އެކު،" ކުރިން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ޑެލް ބޮސްކޭ ބުންޏެވެ.
ގްރޫޕްގެ ދެ ވަނަ މެޗުގައި ސްޕެއިން އަންނަ ހުކުރު ދުވަހު ކުޅޭނީ ތުރުކީއާ އެވެ.