މެޑްރިޑް (ޖުލައި 17) - ސްޕެއިން ކޯޗުކަމަށް ގެންނަންވީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކަމަށް ސްޕެއިނުގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނާކާމިޔާބީ އަށް ފަހު ޑެލް ބޮސްކޭ ވަނީ ސްޕެއިނުގެ ކޯޗުކަމުން ވަކިވެފަ އެވެ. އޭނާ ބުނީ ސްޕެއިނަށް މިހާރު ބޭނުންވަނީ ގާޑިއޯލާ ފަދަ ސްޕެއިނުގެ ފުޓްބޯޅަ ދަންނަ ކޯޗެއް ކަމަށެވެ.
"ގާޑިއޯލާ އަކީ މިވަގުތު ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކޯޗު. ސްޕެއިނަށް ބޭނުންވަނީ ގާޑިއޯލާ ފަދަ ސްޕެއިން ފުޓްބޯޅަ ދަންނަ ކޯޗެއް. ކަޓަލޫނިއާ ސަރަހައްދަށް ނިސްބަތްވާ ކޯޗެއް ސްޕެއިންގައި ހުރުމަކުން އެއީ މައްސަލައެއް ކަމަށް އަހަރެން ނުދެކެން،" ޑެލް ބޮސްކޭ ބުންޏެވެ.
ބާސެލޯނާ ބީ ޓީމަށް ކޯޗުކޮށްދިނުމަށް ފަހު ގާޑިއޯލާ ބާސެލޯނާގެ ސީނިއާ ޓީމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ގާޑިއޯލާ ބާސެލޯނާ ދޫކޮށްލީ ހަތަރު އަހަރު އެ ޓީމަށް އިރުޝާދު ދީފަ އެވެ. އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ގާޑިއޯލާ ބަޔާންގެ ކޯޗުކަމާ ހަވާލުވީ 2013 ވަނަ އަހަރު އެވެ. ފާއިތުވި ދެ އަހަރު އޭނާ ވަނީ ބަޔާނަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އަންނަ ސީޒަނުގައި އޭނާ ފެންނާނީ ސިޓީންނެވެ.
ޑެލް ބޮސްކޭ ސްޕެއިނާ ހަވާލުވީ 2008 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު އޭރުގެ ކޯޗު ލުއިސް އަރަގޯނެސް މަގާމުން ވަކިވުމުންނެވެ. ޑެލް ބޮސްކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭނާގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓުމުންނެވެ.