ލިޔޯން، ފްރާންސް (ޖޫން 28) - އިޓަލީ އަތުން ބަލިވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ކެޓި ނަމަވެސް އިސްތިއުފާއާ މެދު ގޮތެއް ނިންމާނީ ސްޕެއިނުގެ ފުޓްބޯޅަ އަށް ފައިދާވާ ގޮތަށް ވިސްނުމަށް ފަހު ކަމަށް އެ ޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.

ޑެލް ބޮސްކޭ ވަނީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު މަގާމުން ވަކިވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރޭގެ މެޗަށް ފަހު ޑެލް ބޮސްކޭ ބުނީ އަވަސް އަރުވާލައިގެން ގޮތެއް ނިންމަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން ބޮޑު މުބާރާތަކުން ކެޓުމުން ޖަޒުބާތުގައި ޖެހި އަވަސް އަރުވާލައިގެން ގޮތެއް ނިންމަން. މުސްތަގުބަލާ ގުޅޭގޮތުން ވަރަށް އަވަހަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސްއާ މަޝްވަރާ ކުރާނަން. އެ އަށް ފަހު ސްޕެއިނުގެ ފުޓްބޯޅަ އަަށް އެންމެ ފައިދާ ބޮޑު ގޮތެއް ވިސްނުމަށް ފަހު ގޮތެއް ނިންމާނަން،" ކުރިން ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިން ޑެލް ބޮސްކޭ ބުންޏެވެ.

ޑެލް ބޮސްކޭ ސްޕެއިނާ ހަވާލުވީ 2008 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު އޭރުގެ ކޯޗު ލުއިސް އަރަގޯނެސް މަގާމުން ވަކިވުމުންނެވެ. ޑެލް ބޮސްކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭނާގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓުމުންނެވެ.

ޑެލް ބޮސްކޭ ބުނީ އަދިވެސް ސްޕެއިނަކީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއް ކަމަށެވެ.

"މިއީ ސްޕެއިނުގެ މޮޅު ކުޅުން ފެނުނު ދައުރުގެ ނިމުމެއް ނޫން. ސްޕެއިނަކީ އަދިވެސް ޔޫރަޕް ފުޓްބޯޅައިގެ ބާރެއް. މި ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު މިއީ ކުރިއަށް އޮތް އަހަރުތަކުގައި ބައިނަލްއަގްވާމީ ފެންވަރުގައި މޮޅު ކުޅުމެއް ދައްކާނެ ކުޅުންތެރިން،" ޑެލް ބޮސްކޭ ބުންޏެވެ.

ޑެލް ބޮސްކޭ ބުނީ އިޓަލީން ރޭގެ މެޗުގައި ދެއްކީ މޮޅު ކުޅުމެއް ކަމަށާއި އެޓީމަށް މޮޅެއް ހައްގުވާ ކަމަށެވެ.