މެޑްރިޑް (ޖުލައި 1) - މިދިޔަ އަށް އަހަރު ސްޕެއިން ގައުމީ ޓީމަށް ކޯޗުކޮށްދިނުމަށް ފަހު، މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނާކާމިޔާބީއާ ގުޅިގެން ވިސެންޓޭ ޑެލް ބޮސްކޭ ސްޕެއިންގެ ކޯޗުކަމުން އިސްތިއުފާދީފި އެވެ.

މި ފަހަރުގެ ޔޫރޯ އަކީ ޑެލް ބޮސްކޭ ސްޕެއިނަށް ކޯޗުކޮށްދޭނެ ފަހު މުބާރާތް ކަމަށް އޭނާ ވަނީ ކުރިން ވެސް ބުނެފަ އެވެ. އެކަމަކު ޔޫރޯގެ ދެ ވަނަ ބުރުގައި މިިދިޔަ ހޯމަ ދުވަހުގެރޭ އިޓަލީ އަތުން 2-0 އިން ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު ޑެލް ބޮސްކޭ ބުނީ މަގާމުގައި ހުރުމާ މެދު ގޮތެއް ނިންމާނީ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.

ޑެލް ބޮސްކޭ މަގާމުން އިސްތިއުފާ ދިންކަން އިއުލާންކުރީ ރޭ ސްޕެއިނުގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގަ އެވެ.

"އަހަރެން މަގާމުން އިސްތިއުފާ ދީފިން. ޔޫރޯގެ ނަތީޖާ އަށް ފަހު އަހަރެން ބޭނުމެއް ނޫން ދެން ގައުމީ ޓީމާ އެކު ކުރިއަށްދާން. މިއީ ބަދަލެއް ގެންނަންވީ ވަގުތު. އަހަރެން އެދެނީ ސްޕެއިން ފުޓްބޯޅަ އަށް ފާގަތި މުސްތަގުބަލެއް. އަބަދު ވެސް ސްޕެއިން ފުޓްބޯޅަ އަށް ވެދެވުނު އެހީއެއް ފޯރުކޮށްދޭނަން،" ކުރިން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ޑެލް ބޮސްކޭ ބުންޏެވެ.

ޑެލް ބޮސްކޭ ސްޕެއިނާ ހަވާލުވީ 2008 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިނުމަށް ފަހު އޭޜުގެ ކޯޗު ލުއިސް އަރަގޯނެސް މަގާމުން ވަކިވުމުންނެވެ. ޑެލް ބޮސްކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ 10 މެޗުން މޮޅުވެފަ އެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުރަތަމަ މެޗުން ސްވިޒަލެންޑް އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސްޕެއިނަށް ފުރަތަމަ ވޯލްޑް ކަޕް ހޯދައިދިނެވެ. އެ އަށް ފަހު 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ހޯދި އެވެ.

ޑެލް ބޮސްކޭގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލު އުފެދުނީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓުމުންނެވެ. އެ މުބާރާތަށް ފަހު ވެސް ޑެލް ބޮސްކޭ މަގާމުން އިސްތިއުފާދޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް ސްޕެއިނުގެ ފެޑެރޭޝަނުން ނިންމީ ޑެލް ބޮސްކޭއާ އެކު ކުރިއަށް ދިއުމަށެވެ.