މެޑްރިޑް (އޮގަސްޓް 30) - ސްޕެއިނުގެ އާ ކޯޗު ޖުލެން ލޮޕެޓެގީ ނެގި ފުރަތަމަ ސްކޮޑުން ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިއަސް، ސެސް ފަބްރެގަސް އަދި ޕެޑްރޯ ރޮޑްރިގޭޒް ބާކީކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް ކޯޗުގެ ނިންމުމަށް އިހުތިރާމްކުރުމަށް ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޮސް އެދެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނާކާމިޔާބީ އަށް ފަހު ސްޕެއިނު ކޯޗުކަމުން ވިސެންޓޭ ޑެލްބޮސްކޭ ވަކިވުމުން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން އެ ޓީމުގެ ކޯޗަކަށް ލޮޕެޓެގީ ހަމަޖެއްސީ މިދިޔަ މަހު 21 ވަނަ ދުވަހު އެވެ.

ރާމޮސް ބުނީ ލޮޕެޓެގީގެ ސްކޮޑުން މުހިއްމު ބައެއް ކުޅުންތެރިން ބާކީވުމުން އޭނާ ވެސް ހައިރާންވި ކަމަށެވެ.

"އަހަރެންނަށް ވެސް ލިބުނު ހައިރާންކަމެއް ކަސިއަސް އާއި ފަބްރެގަސް އަދި ޕެޑްރޯ ނުނެގުމަކީ. އެކަމަކު އާ ކޯޗެއްގެ ވިސްނުން ތަފާތުވާނެ. ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް އެބަޖެހޭ ކޯޗުގެ ނިންމުމަށް އިހުތިރާމްކުރުން. އެންމެން ވެސް ބޭނުންވަނީ ޓީމަށް ކާމިޔާބީ. އެކަން ހާސިލްވެއްޖެނަމަ އެ ނިމުނީ،" ރާމޮސް ބުންޏެވެ.

އުމުރުން 35 އަަހަރުގެ ކަސިއަސް ވަނީ ގައުމީ ޓީމަށް 167 މެޗު ކުޅެފަ އެވެ. އޭނާ އަކީ ސްޕެއިން ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އުމުރުން 29 އަހަރުގެ ފަބްރެގަސް ގައުމީ ޓީމަށް 110 މެޗު ކުޅުނުއިރު، ޕެޑްރޯ ވަނީ 60 މެޗު ކުޅެފަ އެވެ.

ސްޕެއިން ޓީމުން ފަހަކަށް އައިސް ކަސިއަސް އަށް ފުރުސަތު ލިބުން ވަނީ މަދުވެފަ އެވެ. އޭނާގެ ބަދަލުގައި ސްޕެއިން އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކުގައި ޓީމު ގޯލު ބެލެހެއްޓީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ.

ސްޕެއިން ޓީމުން މިފަހަރު ވަނީ ވެސްޓް ހޭމްގެ ކީޕަރު އެޑްރިއަން އާއި ރެއާލްގެ މާކޯ އަސެންސިއޯ އަދި ބާސެލޯނާގެ ސާޖީ ރޮބާޓޯ އަށް ފުރުސަތު ދީފަ އެވެ. އަދި ޓީމުން އަލުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި ޔުނައިޓެޑްގެ ހުއަން މަޓާ އާއި ޗެލްސީގެ ޑިއޭގޯ ކޮސްޓާ ހިމެނެ އެވެ.

ސްޕެއިން ކޯޗު ލޮޕެޓެގީ ވަނީ 2012 ވަނަ އަހަރުގެ ޔޫރަޕުގެ 19 އަހަރުން ދަށުގެ މުބާރާތް އަދި 2013 ވަނަ އަހަރުގެ ޔޫރަޕުގެ 21 އަހަރުން ދަށުގެ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދީފަ އެވެ.

ލޮޕެޓެގީގެ ކޯޗުކަމުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗު ވެގެންދާނީ އަންނަ ބުރާސްފަތި ދުވަހު ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗަކީ ބެލްޖިއަމްގެ އާ ކޯޗު ރޮބާޓޯ މާޓިނޭޒް އެޓީމަށް އިރުޝާދުދޭނެ ފުރަތަމަ މެޗެވެ. ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށް ފަހު އޭގެ ހަތަރު ދުވަސް ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ބައްދަލުކުރާނީ ލެޗެސްޓައިންއާ އެވެ.