ހަރާރޭ (ޑިސެމްބަރު 23) - ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ހައްޔަރު ކުރުމުގެ އަމުރު ސައުތު އެފްރިކާގެ ޕްރޮސެކިއުޓަރުން ނެރުނު ނަމަވެސް އޭނާ އެ ގައުމާ ހަވާލު ނުކުރާނެ ކަމަށް ޒިމްބާބުވޭ އިން ބުނެފި އެވެ.

ސައުތު އެފްރިކާ ފުލުހުން ބުނީ ގްރޭސް މުގާބޭ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ މޮޑެލްއެއްގެ ގައިގައި މިދިޔަ އަހަރު ޖެހި މައްސަލާގައި ކަމަށެވެ. އުމުރުން 53 އަހަރުގެ ގްރޭސް މޮޑެލްގެ ގައިގައި ޖެހީ ޖޮހަނަސްބާގުގެ ހޮޓަލެއްގެ ތެރޭގައި ކަރަންޓް ބޯޑަކުންނެވެ. މޮޑެލްގެ ނިތްކުރިން ފަޅައިގެން ގޮސްފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް އެ ދުވަސްވަރު ވަނީ އާއްމުވެފަ އެވެ. އެކަމަކު ގްރޭސް އޭރު ވިދާޅުވެފައި ވަނީ އޭނާ އަމަލު ކުރީ އަމިއްލަ ދިފާއުގައި ކަމަށެވެ. ސައުތު އެފްރިކާގެ އެ ހޮޓަލުގައި މުގާބޭގެ ދެ ދަރިކަލުން ވެސް އުޅުއްވި އެވެ.

"ގްރޭސް އަށް އިހާނެތިކޮށް ހިތައިފާނެ ފަދަ ކަމެއް ނުކުރާނަން،" ޒިމްބާބުވޭގެ ޑިޕިއުޓީ އިންފޮމޭޝަން މިނިސްޓަރު އެނާޖީ މުޓޮޑީ ވިދާޅުވި އެވެ. "އެ ހާދިސާ ހިނގީ ގްރޭސް ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވަނިކޮށް. އޭރު އޭނާ އަށް ވަނީ ޑިޕްލޮމެޓިކް އިމްތިޔާޒް ވެސް ލިބިފައި. އެހެންވެ ގްރޭސް އަލުން ސައުތު އެފްރިކާ އަށް ނުފޮނުވޭނެ."

ގްރޭސް ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ މި މަހު 13 ވަނަ ދުވަހު އެވެ.

ގްރޭސް މުގާބޭ މޮޑެލް ގައިގައި ޖެހި ނަމަވެސް އެ ދުވަސްވަރު ސައުތު އެފްރިކާ އިން ވަނީ ގްރޭސް އަށް ޑިޕްލޮމެޓިކް އިމްތިޔާޒް ދީފަ އެވެ. އެހެންވެ އޭނާ ވަނީ ސައުތު އެފްރިކާ އިން ފުރައިގެން ދެވޭ ގޮތްވެފަ އެވެ. ސައުތު އެފްރިކާގެ ކޯޓަކުން ޖުލައި މަހު ވަނީ ގްރޭސްގެ ޑިޕްލޮމެޓިކް އިމްތިޔާޒް ބާތިލްކޮށްފަ އެވެ.

މުގާބޭގެ އާއިލާގެ ގެދޮރު ސައުތު އެފްރިކާގައި ވެސް ހުރެ އެވެ.

މި ހާދިސާ ހިންގާފައި ވަނީ ޒިމްބާބުވޭގެ ސިފައިން ނުކުމެ ގައުމުގެ މުހިންމު ތަންތަނުގެ ކޮންޓްރޯލް މިދިޔަ އަހަރު ނެގުމުގެ ތިން މަސް ކުރިންނެވެ. ސިފައިންގެ ބަޣާވާތާ ގުޅިގެން މުގާބޭ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، 37 އަހަރަށް ފަހު އިސްތިއުފާ ދެއްވައިފަ އެވެ.