ޕްރިޓޯރިއާ (ޑިސެމްބަރު 19) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ހައްޔަރު ކުރުމުގެ އަމުރު ސައުތު އެފްރިކާގެ ޕްރޮސެކިއުޓަރުން ނެރެފި އެވެ.
ސައުތު އެފްރިކާ ފުލުހުން ބުނީ ގްރޭސް މުގާބޭ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ މޮޑެލްއެއްގެ ގައިގައި މިދިޔަ އަހަރު ޖެހި މައްސަލާގައި ކަމަށެވެ. އެ ހާދިސާ އަށް ފަހު ގްރޭސް ވަނީ ސައުތު އެފްރިކާ އިން ފުރައިގެން ޒިމްބާބުވޭ އަށް ވަޑައިގެންފަ އެވެ.
މޮޑެލް ބުނެފައި ވަނީ ގްރޭސް ވަނީ ޖޮހަނަސްބާގުގެ ހޮޓަލެއްގެ ތެރޭގައި އޭނާގެ ގައިގައި ކަރަންޓް ބޯޑަކުން ޖަހާފައި ކަމަށެވެ. މޮޑެލްގެ ނިތްކުރިން ފަޅައިގެން ގޮސްފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް އެ ދުވަސްވަރު ވަނީ އާއްމުވެފަ އެވެ. އެކަމަކު ގްރޭސް އޭރު ވިދާޅުވެފައި ވަނީ އޭނާ އަމަލު ކުރީ އަމިއްލަ ދިފާއުގައި ކަމަށެވެ.
މުގާބޭގެ އާއިލާގެ ގެދޮރު ސައުތު އެފްރިކާގައި ވެސް ހުރެ އެވެ.
މި ހާދިސާ ހިންގާފައި ވަނީ ޒިމްބާބުވޭގެ ސިފައިން ނުކުމެ ގައުމުގެ މުހިންމު ތަންތަނުގެ ކޮންޓްރޯލް މިދިޔަ އަހަރު ނެގުމުގެ ތިން މަސް ކުރިންނެވެ. ސިފައިންގެ ބަޣާވާތާ ގުޅިގެން މުގާބޭ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު 37 އަހަރަށް ފަހު އިސްތިއުފާ ދެއްވައިފަ އެވެ.