ހަރާރޭ (މާޗް 24) - ވެރިކަން ގެއްލެން ދިމާވި އެއް ސަބަބަކީ ސައުތު އެފްރިކާ އިން ކަންތައް ކުރި ގޮތުން ކަމަށް ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ފަހުކޮޅު މުގާބޭގެ ވެރިކަން ގެއްލުނީ އޭރުގެ ނައިބް ރައީސް އެމާސަން ނަންގަގްވާ މަގާމުން ދުރުކޮށް އަނބިކަނބަލުން ގްރޭސް ވެރިކަމަށް ގެންނަން މަގުފަހި ކުރަން އުޅުމުންނެވެ. މުގާބޭގެ އެ ފިޔަވަޅާ ގުޅިގެން ސިފައިން ނުކުމެ ވަނީ ގައުމުގެ ކޮންޓްރޯލް ހޯދައިފަ އެވެ. މުގާބޭ އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކުރާނެކަން ޔަގީންވުމުންނެވެ.

މުގާބޭ ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ސައުތު އެފްރިކާ އިން މަޝްވަރާ ކުރާނެ މީހުން ފޮނުވުމުގެ ބަދަލުގައި އެ ގައުމުން ފޮނުވަން ޖެހޭނީ އޭނާގެ ވެރިކަން ހިމާޔަތް ކުރާނެ ސިފައިން ކަމަށެވެ.

"އަވަށްޓެރި ގައުމުތަކުން ވެސް ވަނީ ބޭވަފާތެރިވެފައި،" ޒިމްބާބުވޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މުގާބޭ ،94، ވިދާޅުވި އެވެ.

މުގާބޭ ދާދި ފަހުން ވިދާޅުވެފައި ވަނީ އޭނާ ވެރިކަމުން ދުރުކުރީ ސިފައިންގެ ބަޣާވާތަކުން ކަމަށާއި އެ ބަޣާވާތް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އިސްތިއުފާ ދެއްވި ފަހުން މުގާބޭ އުޅުއްވަނީ އާއްމުންގެ ލޯތަކާ ދުރުގަ އެވެ.