ހަރާރޭ (ސެޕްޓެމްބަރު 6) - ޒިމްބާބުވޭގައި ހުދުމުހުތާރު ވެރިކަމެއް 1980 އިން 2017 އަށް ކުރެއްވި ރޮބަޓް މުގާބޭ އުމުރުފުޅުން 95 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
މިދިޔަ އެޕްރީލް މަހުން ފެށިގެން މުގާބޭ ގެންދެވީ ސިންގަޕޫރުން ފަރުވާ ހޯއްދަވަމުންނެވެ. ނަމަވެސް މުގާބޭ ފަރުވާ ހޯއްދަވަނީ ކޮން އާލާސްކަންފުޅަކަށް ކަމެއް އާއިލާ އިން ހާމަކޮށްފައެއް ނުވެ އެވެ.
ތިރީސް ހަތް އަހަރަށް ފަހު މުގާބޭގެ ވެރިކަން 2017 ވަނަ އަހަރު ނިމުމަކަށް ގެނައީ އަސްކަރީ ބަޣާވާތަކުންނެވެ.
މުގާބޭގެ ވެރިކަމުގެ ފުރަތަމަ ދުވަސްވަރު ވަނީ ޒިމްބާބުވޭގެ ކަޅު ނަސްލުގެ މީހުންނަށް ވެސް ހައްގުތައް ލިބި، ތައުލީމާއި ސިއްހީ ޚިދުމަތުގެ ފުރުސަތުތައް ފުޅާކޮށްފަ އެވެ. ނަމަވެސް ވެރިކަމުގެ ފަހު ދުވަސްވަރު ވަނީ ހުދުމުހުތާރު ކަމާއި ހައްގުތަކަށް އަރައިގަތުމާއި ކޮރަޕްޝަން އިންތިހާއަށް ގޮސްފަ އެވެ.
އިނގިރޭސިންގެ ބާރުގެ ދަށުން ޒިމްބާބުވޭ އަށް މިނިވަންކަން ލިބުމާ އެކު، ބޭއްވި ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރައްވައި ބޮޑު ވަޒީރުގެ މަގާމަށް މުގާބޭ ފުރަތަމަ ވަޑައިގެންނެވީ 1980 ވަނަ އަހަރު އެވެ. އޭގެ ފަހުން ރައީސްގެ މަގާމަށް 1987 ވަނަ އަހަރު ވަޑައިގެންނެވި އެވެ.
މުގާބޭ އުފަންވެވަޑައިގެންފައި ވަނީ ފެބްރުއަރީ 21، 1924 ގަ އެވެ. ޒިމްބާބުވޭގެ އޭރުގެ ސަރުކާރަށް ފާޑުވިދާޅުވުމުން 1964 ވަނަ އަހަރު މުގާބޭ ވަނީ ޝަރީއަތެއް ނެތި ދިހަ ވަރަކަށް އަހަރު ޖަލުގައި ބަންދުކޮށްފަ އެވެ.
މުގާބޭގެ ވެރިކަން ވެއްޓުމުގެ ފެށުމަކީ އަނބިކަނބަލުން ގްރޭސް ވެރިކަމަށް ގެންނަން މުގާބޭ މަސައްކަތް ކުރައްވާކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އެކަމާ ދެކޮޅަށް ސިފައިން ނުކުމެ މުގާބޭ އަށް ވަނީ އިސްތިއުފާ ދެއްވަން މަޖްބޫރުކޮށްފަ އެވެ.
މުގާބޭގެ ހަޔާތުގެ މުހިންމު ތާރީޚުތައް
1924: އުފަންވެވަޑައިގެންނެވި، ފަހުން ޓީޗަރެއްގެ ގޮތުގައި ތަމްރީނުވި
1964: ޖަލުގައި ބަންދުކުރި
1980: އިންތިޚާބު ކާމިޔާބު ކުރެއްވި
1996: ގްރޭސް މަރުފޫއާ ކައިވެނި ބައްލަވައިގެންނެވި
2000: މުގާބޭ އަށް ތާއީދު ކުރާ ފަރާތްތަކުން ދޮން މީހުންގެ ދަނޑުތަކަށް ހަމަލާ ދިން
2008: އިންތިޚާބުގެ ފުރަތަމަ ބުރުން ދެ ވަނަ އަށް ދިޔަ. އެކަމަކު އިދިކޮޅު ލީޑަރާ ސުވާންގިރާއީއާ ދެކޮޅަށް ސަރުކާރުން ހަމަލާ ދޭން ފެށުމުން އޭނާ އިންތިޚާބުން ވަކިވި.
2009: އިދިކޮޅު ލީޑަރު ސުވާންގިރާއީ އަށް ބޮޑު ވަޒީރުކަން ދެއްވި
2017: ނައިބް ރައީސް އެމާސަން ނަންގަގްވާ މަގާމުން ދުރުކުރި. އެއީ އަނބިކަނބަލުން ގްރޭސް އެ މަގާމަށް ގެންނަން. އެކަމަކު ސިފައިން އެކަމާ ދެކޮޅަށް ތެދުވެ ބަޣާވާތަކުން މުގާބޭގެ ވެރިކަން ނިމުމަކަށް ގެނައި.