ހަރާރޭ (ޑިސެމްބަރު 3) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަވަހާރަވިއިރު އެކައުންޓުގައި 10 މިލިއަން ޑޮލަރު ހުރި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

މުގާބޭ އާއިލާގެ ވަކީލް ޓެރެންސް ހުސައިން ވިދާޅުވީ އެ ފައިސާއާ މެދު ކަންތައް ކުރާނެ ގޮތެއް މުގާބޭ އަންގަވާފައިނުވާ ކަމަށެވެ.

އުމުރުން 95 އަހަރުގައި މުގާބޭ އަވަހާރަވީ ސެޕްޓެމްބަރު މަހު އެވެ. މުގާބޭގެ ބާރުގަދަ 37 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ 2017 ވަނަ އަހަރު އެވެ.

މުގާބޭގެ މުއްސަނދިކަމާ މެދު ކުރިން ވެސް ދިޔައީ ވާހަކަތައް ދައްކަމުންނެވެ. އޭގެ ތެރޭގައި ޒިމްބާބުވޭގައި ހުރި އިމާރާތްތަކުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި މުގާބޭގެ އަގުބޮޑު ގެތައް ހުރި ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.

މުގާބޭގެ އެކައުންޓުގައި ހުރި ފައިސާގެ މައުލޫމާތު އާއްމުވެފައި ވަނީ ދަރިކަނބަލަކު ކޯޓަށް ހުށަހެޅި ސިޓީއަކާ ގުޅިގެންނެވެ. ޒިމްބާބުވޭގެ ގާނޫނުތަކުގައިވާ ގޮތުން މީހަކު މަރުވާ އިރު ވަސިއްޔަތެއް ކޮށްފައި ނުވާ ނަމަ އޭނާގެ މުދާ ޖެހޭނީ އަނބިން ނުވަތަ ފިރިމީހާ އާއި ދަރިންގެ މެދުގައި ބަހާށެވެ. މުގާބޭ އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތަރު ދަރިން ދުނިޔޭގައި ތިއްބެވެ.