މާލޭގެ ވިޔަފާރި ބަނދަރުގައި ޑިއުޓީގައި ހުރި އެމްޕީއެލްގެ މުވައްޒަފަކު ފިޓުޖެހިގެން، ދެ ޓަގު ބޯޓެއްގެ ދެމެދަށް ވެއްޓި މިއަދު މަރުވެއްޖެ އެވެ.
އެމްޕީއެލްއިން ބުނީ އެ މުވައްޒަފު ޓަގު ބޯޓުތަކުގެ ދެމެދަށް ވެއްޓުނީ ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން ކަމަށެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ހާދިސާގައި ނިޔާވީ ގއ. ދެއްވަދޫ، ދެކޮނުގެ، އަމީން އަބްދުލްހަމީދެވެ.
ފުލުހުން ދެންމެ ބުނީ ވިޔަފާރި ބަނދަރުގައި އޮތް ދެ ޓަގު ބޯޓުގެ ދޭތެރެއަށް އެމްޕީއެލްގެ މުވައްޒަފަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11 ޖަހާކަން ހާއިރު ކަމަށެވެ.
އެ މީހާ މިހާރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.