ގުޅީފަޅު ކައިރި އިއްޔެ މަރުވެފައި އޮއްވައި ކަނޑުމަތިން ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ޗައިނާއަށް ނިސްބަވްތާ ޗެންގް ޖިއާ ނަމަކަށް ކިޔާ 38 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ކަނޑަަށް ވެއްޓުނީ އިއްޔެ 12:48 ހާއިރު ހުޅުމާލޭ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރުމަށް މަސައްކަތްކޮށްފައިވެ އެވެ. އެ ވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް އެ މައުލޫމާތުދީ އޭނާ ހޯދުމަށް މަސައްކަތް ކުރި ކަމަށާއި ކޯސްޓްގާޑަށް ވެސް އެ މައުލޫމާތު އެ މީހުން ހިއްސާކުރި ކަމަށް ފުލުހުން ބުންޏެވެ.

ކޯސްޓްގާޑުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނުނީ އިއްޔެ 1:32 ހާއިރެވެ.

އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށްވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.