މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މާލެ އަތޮޅު ކަނޑޫމާ ތިލަ ކައިރިން މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިގެން ހެނދުނު 10:15 ހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިގެން މިދިޔަ ބުރާސްފަތި ދުވަހު ވެސް ފުލުހުންނަށް ރިޕޯޓުކުރި އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހާގެ ހަށިގަނޑު ފެނުނީ ގުޅިފަޅު ކައިރިން ކަމަށެވެ. އަދި އެއީ ލޯންޗަކަށް އަރަން އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހެއް ކަމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު ބުނެފައި ވެ އެވެ.

ފުލުހުން ބުނި ގޮތުގައި ޗައިނާގެ އުމުރުން 38 އަހަރުގެ އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރި އެވެ. އެ ވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނަސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް އެ މައުލޫމާތުދީ އޭނާ ހޯދުމަށް މަސައްކަތް ކުރި ކަމަށާއި ކޯސްޓްގާޑަށް ވެސް އެ މައުލޫމާތު އެ މީހުން ހިއްސާކުރި ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، ކޯސްޓްގާޑުން ވެސް އައީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.