ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ)ގައި ޝާހީނާ (ޝާހީ މިސް)ގެ އޮތީ ހިދުމަތުގެ ދިގު ތާރީހެކެވެ. ކިތަންމެ ވިއްސާރަވެ ވައިގަދަވެ ކަނޑުގަދަވިޔަސް ޓެސްޕޭޕަރުތައް ހިފައިގެން އޭނާ ރަށްރަށަށް ދަތުރުކުރި އެވެ. ދަރިވަރުންނެއްގެ ތައުލީމީ ދަތުރަށް އެހީވާން އޭނާ ނުދާ ރަށެއް ރާއްޖޭގައި ނެތެވެ. 

އެންމެ ހަނދާން ހުންނަނީ ކޮވިޑުގެ އުނދަގޫ ދުވަސްވަރު އިމްތިހާން ބަލަހައްޓަން އޭނާ ކުރަން ޖެހުނު މަސައްކަތްތަކެވެ. 

ދިރާގާ އެކު މިހާރު ބަދިގޭގައި އޭނާގެ ދަތުރު ހިއްސާކޮށްދެއްވި އިރު ބިސްކޮފް ލަޒާނިއާ ހަދާނެ ގޮތް ވެސް ކިޔައިދެއްވާނެ އެވެ. 

ބިސްކޮފް ލަޒާނިއާ

 ބޭނުންވާތަކެތި

200 ގްރާމް ބިސްކޮފް ސްޕްރެޑް

400 އެމްއެލް ޑަބަލް ކްރީމް

50 ގްރާމް އައިސިން ޝުގާ

25 ބިސްކޮފް ބިސްކޯދު

 

މައްޗަށް އަޅަން

50 ގްރާމް ބިސްކޮފް ސްޕްރެޑް (މެލްޓްކޮށްފައި)

2 ބިސްކޮފް ބިސްކޯދު މުގުރާލާފައި

1 ބިސްކޮފް ބިސްކޯދު

 

ތައްޔާރުކުރާނެ ގޮތް

ޑަބަލް ކްރީމް އާއި އައިސިން ޝުގާ އާއި 50 ގްރާމް ބިސްކޮފް ސްޕްރެޑް ރީއްޗަށް ގިރާލާށެވެ. 

ބޭނުން ސައިޒެއްގެ ތައްޓެއްގައި ބިސްކޮފް ބިސްކޯދުތައް ރީއްޗަށް އަތުރާލުމަށް ފަހު މެލްޓްކުރި ބިސްކޮފް ސްޕްރެޑް އޭގެ މައްޗަށް އަޅާލާށެވެ. ދެން އަޅާނީ އައިސިން ޝުގާ އާއި ކްރީމާ އެކު ތައްޔާރު ކުރި ބިސްކޮފް ކްރީމެވެ. މިގޮތަށް ބޭނުންވާ ވަރަށް ލޭޔާކޮށްލާށެވެ.

މެލްޓްކުރި ބިސްކޮފް ސްޕްރެޑުން މަތި ރީތިކޮށްލައި ތަށީގެ އަރިމައްޗަށް މުގުރާފައި ހުރި ބިސްކޮފް ކުނޑި ބުރުވާލާށެވެ. ދެން މެދުގައި ބިސްކޮފް ބިސްކޯދެއް ބާއްވާށެވެ. 

ޝާހީ މިސް ޑީޕީއީން ރިޓަޔާވެވަޑައިގަތީ ބޭބެގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ޖެހުމާއި އެ ފަރުވާގައި ބޭބެ ނިޔާވުމުން ކުރިމަތިވި ޑިޕްރެޝަނާ ހެދި އެވެ. އެކަމުން އަރައިގަނެ އޭނާ ވަނީ އެހެން މީހުންނަށް އެހީވާނެ މަގެއް އަނެއްކާވެސް ހޯދައިފަ އެވެ. އެއީ އުމުރުން ދުވަސްވީ މީހުން އެއްވެލައި އެކަކު އަނެކަކުގެ ވާހަކަ ހިއްސާކޮށްދޭ މަންޒިލް، ނާދީ އެވެ. 

ޝާހީ މިސް މިހާރު ގެންދަވަނީ އެތަނުގައި އެކި އެއްޗެހިން މާ ހަދަން ދަސްކޮށްދެއްވަމުންނެވެ. އޭނާގެ މަސައްކަތްތައް މައުރަޒުގައި ވެސް ބައިވެރިކުރެ އެވެ.