ސިއްހަތަށް ފައިދާ ހުރި ގިނަ ރެސިޕީތައް ތައްޔާރުކުރަން މާ ގިނަ ވަގުތެއް ނުނަގަ އެވެ. ތެލާއި ހަވާދާ ދުރުވެ ދުޅަހެޔޮ ދިރިއުޅުމަކަށް ހަމައެކަނި ތަރުކާރީ އާއި މަސް ފުދެ އެވެ.

މި ރޯދަ މަހު ދިރާގާ އެކު މިހާރު ބަދިގެއިން ގެނެސްދިނީ އާއްމުކޮށް ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ހެދޭނެ ވަރަށް ފަސޭހަ ރެސިޕީތަކެވެ. އެ ރެސިޕީތަކާ އެކު އާއްމުންނާ މިހާތަނަށް ވަރަށް ގިނަ މެހްމާނުން ވާނީ ބައްދަލުކޮށްފަ އެވެ. ކެއްކުމާއި އެ މީހުންގެ ދާއިރާ އިން ގިނަ ވާހަކަތަކާ އެކު ރޯދަ ހަނދާންތައް ވެސް ވަނީ އާއްމުންނަށް ދޫކޮށްލައިފަ އެވެ.

ރޯދަ ނިމެން ކައިރިވެފައިވުމާ އެކު މިއަދުގެ ބަދިގެ އަދި މާ ފަސޭހަކޮށްލީ އެވެ. ގެސްޓަކާ ނުލައި ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ) ގެނެސްދެނީ ސޯއި ޗިކަން ސްޓާ ފްރައި އެވެ. މިއީ  ވަރަށް ފަސޭހައިން ހަދާލެވޭ ކޮންމެ ގަޑިއަކަށް ވެސް ހަށިގަނޑަށް ލުއި ރެސިޕީއެކެވެ. 

ޝެފެއް ނޫނަސް ކައްކަން ޝައުގުވެރި ވި ގޮތް މި އެޕިސޯޑުގައި ކިޔައިދެމުން ކުޑޫ ބުނީ އެންމެ މީރީ މާމަގެ ކެއްކުންތައް ކަމަށެވެ. އާއިލާގެ އެންމެން ވެސް ކެއްކުމަށް ލޯބިކުރާއިރު މަންމަ އާއި ބޮޑުދައިތަ އަދި ކުޑޫއަށް ވެސް އެކަން ވާރުތަވީ މާމަގެ ފަރާތުންނެވެ. 

ކުޑޫގެ ފެވަރިޓަކީ މާމަ ކުޅިކުރާ ރިހާކުރެވެ. ރޯދަ މަހުގެ ބައެއް ހަނދާންތަކާ އެކު މި ރެސިޕީ ތައްޔާރުކޮށްލަން ގާތްގަނޑަކަށް ހޭދަވީ 20-25 މިނެޓެވެ. 

ބޭނުންވާ ތަކެތި

ކުކުޅު ތައްޔާރުކުރަން

• 1 ޗިކަން ބްރެސްޓް

• 1 ސަމްސާ ލޮނު

• 1 ސަމްސާ ޕެޕްރިކާ

• 1 ސަމްސާ އޮރެގާނޯ

• 1/4 ޖޯޑު ކޯންފްލާ

• އޮލިވް އޮއިލް

 

ތަރުކާރީ ތައްޔާރުކުރުމަށް

• 3 ލޮނުމެދު (ގާނާފައި ނުވަތަ ކުދިކޮށް ކޮށާފައި)

 ފިޔާ ކުދިކޮށް ކޮށާފައި

• 1 ރަތް ބެލް ޕެޕަ

• 1 ފެހި ބެލް ޕެޕަ

• 1 ރީނދޫ ބެލް ޕެޕަ

• 1 ކެރެޓު ކޮށާފައި

100 ގްރާމް ބްރޮކޮލީ

 

ސޯސް ތައްޔާރުކުރުމަށް

• 2ސަމުސާ ކޯންފްލާ

• 1/4 ޖޯޑު ފެން

• 1 ސަމްސާ ހަކުރު

• 1 ސަމްސާ ސޯޔާ ސޯސް

 

ތައްޔާރުކުރާނެ ގޮތް

ކުކުޅު ސްޓްރިޕްކޮށް ކޮށާލައި  އޭގެ ތެރެއަށް ލޮނާއި ޕެޕްރިލާ އާއި އޮރެގާނޯ އަދި ކޯންފްލާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.  އޮލިވްއޮއިލްކޮޅެއްގެ ތެރޭގައި ކުކުޅު ރޯފިލުވާލާށެވެ. އެހެން ތަވައެއްގައި އޮލިވް އޮއިލް ތެރޭގައި ލޮނުމެދު މީރުކޮށްލާށެވެ. އޭގެތެރެއަށް ކޮށާފައި ހުރި ބެލްޕެޕާތަކާއި ކެރެޓާއި ބްރޮކޮލީ އަޅާލާށެވެ. ފެން ފޮދެއް އެޅުމަށް ފަހު 5 މިނެޓް ކައްކާލާށެވެ. 

މީގެ ތެރެއަށް އަޅަން ކޯންފްލާ ތައްޔާރުކުރާނީ ފެންކޮޅެއް އަޅައިގެންނެވެ. 

ތަރުކާރީ ހުރި ތަވަޔަށް ކުކުޅު މަސްކޮޅާއި ސޯޔާ ސޯސް އާއި ކޯންފްލާ އާއި ހަކުރު އެޅުމަށް ފަހު 5 މިނެޓް ވަންދެން ކައްކާލާށެވެ.