ކަނދި ކެއްކުން އޮތީ ދިވެހިންގެ ވަރަށް ދިގު ތާރީހަކާ ގުޅިފަ އެވެ. އެކަމަށް ހާއްސަ ދުވަހެއް ވެސް ކުރިން ފާހަގަކުރެ އެވެ. އެކަމަކު އެ ސަގާފަތް އުވިދިޔައީ އެެވެ. އެކަމަކު ކަނދި ދޫކޮށެއް ނުލަ އެވެ. ކ. ކާށިދޫގައި ވެސް ކަނދި ތަފާތު ގޮތްގޮތަށް ކައްކަ އެވެ.
ދިރާގާ އެކު މިއަދުގެ ބަދިގެ ރެސިޕީގައި ކާށިދޫން ހައްވާ ސުހާ ގެނެސްދޭނީ ބަރަބޯ ސާގު ކަނދި ހަދާ ގޮތެވެ.
ކަންޖަކީ ދިވެހިންގެ އާއްމު ކެއުމަކަށް ބަދަލުވެ ފުފުލާއި ހަނޑުލާއި ފަޅޮލާއި އާފަލާއި ކެރެޓާއި ކަށިކޭލުން ވެސް ކަނދި ކައްކައި އުޅެ އެވެ. ތަފާތުވަނީ އާ އެއްޗެހި އިތުރުކޮށް ރެސިޕީ ބަދަލުވަމުން އަންނަ ގޮތެވެ. ކާށިދޫގެ މި ރެސިޕީ ވެސް މިއޮތީ އަނގަޔަށް މީރުވާނެ ގޮތަށް ބަދަލުކޮށްފަ އެވެ.
ސުހާ ބުނި ގޮތުގައި ކަނދި އޭނާއަށް ވެސް މީރެވެ. ތަފާތު ގޮތްގޮތަށް ތަޖުރިބާކުރަމުން ގޮސް ބަރަބޮލުގައި ވެސް އެންމެ ފަހުން ކަނދި ކެއްކީ އެވެ.
"ބަރަބޮލުގައި ކަނދި ހެދީމަ ކޮން ކަހަލަ ރަހައެއްތޯ އަންނާނީ ވިސްނާލީ. ކޮންމެ އެއްޗެއްގައި ކަނދި ހެދިޔަސް ގިނަ މީހުން ބޭނުންކުރާނީ ހަނޑޫ. އެކަމަކު އޭގެ ބަދަލުގައި އަޅުގަނޑު ބޭނުންކުރީ ސާގު،" ސުހާ ބުންޏެވެ.
ފުރަތަމަ ކަނދި ކައްކައި ރަހަބަލަން ދިން އެންމެންނަށް ވެސް މީރުވީ އެވެ. އޭގެ ފަހުން އޭނާގެ އާއިލާ އާއި ރައްޓެހިންނަށް ބަރަބޯ ކަނދި ވަރަށް ކަމުދެ އެވެ.
"ވަރަށް ޑިމާންޑް ބޮޑު. ހަދައިފިއްޔާ އެންމެންނަށް ވެސް ދޭން ޖެހޭނެ. މަދުވެފައި އޮންނަނީ."