ރީތި ކޭކުތަކުން އެތައް ހަފުލާއެއް އުފާވެރިކޮށްލި ހަނާން މުހައްމަދުގެ ކާމިޔާބީއާ ގުޅިފައި އޮތީ އެކްސްޕެރިމެންޓްކުރުމެވެ. ނުވާނެއޭ ހިތަށް އަރުވައި ފަސްނުޖެހި އެކަމެއް ކުރެވޭތޯ ބެލުމަކީ މިހާރު ވެސް އޭނާ މިހިސާބަށް އާދެވުމުގެ ފަހަތުގައި އޮތް ސަބަބެވެ.
ދިރާގާ އެކު މިހާރު ބަދިގެއިން ހަނާން މިއަދު ކިޔައިދޭނީ ޗިކަން ބަންސް ވިތު ޗީޒް އަނިއަން ހަދާނެ ގޮތެވެ. އެއާއެކު އޭނާ މި ހިސާބަށް އާދެވުމުގެ ބައެއް ވާހަކަތައް ވެސް ހިއްސާކުރާނެ އެވެ
ޗިކަން ބަންސް ވިތު ޗީޒް އަނިއަންސް
500 ގްރާމް ބޯންލެސް ޗިކަން
25 ގްރާމް އަންސޯލްޓެޑް ބަޓާ
އޮލިވް އޮއިލް
1 ސަމްސާ އަނިއަން ޕައުޑާ
1 ސަމްސާ ޕެޕްރިކާ
1 ސަމްސާ ގާލިކް ޕައުޑާ
1 ސަމްސާ ޗިކަން ސީޒަނިން
1 ސަމްސާ ޕާސްލީ
ޕާން
ސޯޔާ ސޯސް
ސަމްބަލް
100 މިލިލީޓަރު ހެވީ ކްރީމް
50 ގްރާމް ޗީޒް (ގާނާފައި)
1 ސަމްސާ ކަޔަން ޕައުޑަރު
ފިޔާ މިކްސްޗާ އަށް
1 ފިޔާ
125 ގްރާމް ޗީޒް ގާނާފައި
ޑްރައިޑް ޕާސްލީކޮޅެއް
ތަވާ އުނދުން މައްޗަށް އުދައި ބަޓަރާއި އޮލިވް އޮއިލް އަޅައި ހޫނުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅު، ކަޔަން ޕައުޑަރު، ޕެޕްރިކާ ޕައުޑާ, އަނިއަން ޕައުޑާ, ގާލިކް ޕައުޑާ, ޗިކަން ސީޒަނިން އަދި ޕާސްލީ އަޅާށެވެ. ގާތްގަނޑަކށް 4-5 މިނެޓު ވަންދެން ކުކުޅުކޮޅު ކައްކާލާށެވެ. އެއަށް ފަހު ސޯޔާ ސޯސް، ސަމްބަލް، އަދި ހެވީ ކްރީމް އަޅާށެވެ. ގިނި ގަދަކޮށްލުމަށް ފަހު ސޯސްގަނޑު ކުޑަކޮށް އޮލަވަންދެން ކައްކާލާށެވެ.
ތަވާ އުނދުންމަތިން ބޭލުމަށް ފަހު ގާނާފައި ހުރި ޗީޒްކޮޅު އަޅައި އެއްކޮށްލާށެވެ. އަދި އެއްފަރާތެއްގައި ބަހައްޓާށެވެ.
ފިޔާގެ ތޮށިމަށައި ކޮށާލާށެވެ. ހަމަ އެ ތަވައިގައި މަޑުގިނީގައި 5-7 މިނެޓު ވަންދެން ފިޔާކޮޅު ކެރަމަލައިޒްކޮށްލާށެވެ.
ބޯތަށްޓެއްގައި ކެރަމަލައިޒް ކުރި ފިޔާކޮޅާއި، ގާނާފައި ހުރި ޗީޒް އަދި ޕާސްލީ ރަނގަޅަށް މިކްސް ކޮށްލާށެވެ.
ޕާން ރޯލްސްތައް ދެބައިކޮށްލުމަށް ފަހު، އޭގެ އެތެރެބައި ނަގައި ނުވަތަ އެތެރެއަށް ފިއްތާލައިގެން ހުސްޖާގައެއް ހަދާށެވެ.
އެ ހުސްޖާގައަށް ބޭނުންވާ ކަހަލަ ޗީޒް ފަށަލައެއް އެޅުމަށްފަހު، އޭގެ މައްޗަށް ކުރިން ތައްޔާރުކުރި ކުކުޅުގަނޑު އަޅާށެވެ. ފުރާފައި ހުރި ރޯލްސްތައް ބޭކިން ޑިޝްއެއްގައި އަތުރާލާށެވެ.
ރޯލްސްތަކުގެ މައްޗަށް ކުރިން ތައްޔާރުކުރި ފިޔާ މިކްސްޗާ އަޅާށެވެ. އަވަނެއްގައި 5-7 މިނެޓު ވަންދެން ނުވަތަ ޗީޒްކޮޅު ވިރެންދެން ފިހެލާށެވެ.
ހަނާން ކިޔައިދިން ގޮތުގައި އޭނާގެ ކާމިޔާބީއާ އެންމެ ބޮަޑަށް ގުޅިފައި ވަނީ މަންމަ އެވެ. އެއްވެސް ކަމެއްގައި ނޫނެކޭ ނުބުނާ މަންމައަކީ އޭނާގެ ހިތްވަރެވެ.
"މަންމަ ނުބުނާނެ ނޫނެކޭ އާ ކަމެއް ވިޔަސް. އޭތި އަސްލު ދަސްވެފައި އިންނަނީ،" ހަނާން ކިޔައިދިނެވެ.
"ކެއްކުން ވެސް އެ އިންނަނީ އެހެން. ޓްރެވަލް ކުރާއިރު މަންމަ ނުގެންދާނެ އެއްޗިއްސެއް. އޭރަކު ހުންނަ އެއްޗަކުން ހަދާނީ."
ވަރަށް ގިނަ ކޭކު ހަނާން އަޅާފައިވާ އިރު، އެންމެ ހިތްހަމަޖެހެނީ އޯޑަރު ދޭ ކަސްޓަމަރަށް ލިބޭ އުފަލުންނެވެ. އޭނާ މިހާރު އަންނަނީ އެނގޭ އެއްޗެއް އެހެން މީހުންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.