ޕެރިސް (ޖުލައި 15) - ގަތަރާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެގައި ޓްރަމްޕް ވިދާޅުވީ ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު މެއިރުމަތީގެ އެހެން ގައުމަކަށް ބަދަލު ކުރަން ބޭނުން ނުވާ ކަމަށެވެ.

ގަތަރުގައި އެމެރިކާ އިން ގާއިމްކޮށްފައިވާ އަލް އުދައިދު ވައިގެ މަރުކަޒުގައި އެމެރިކާގެ 10،000 ސިފައިން ތިބެ އެވެ.

ޓްރަމްޕް ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހެދުމުގައި މައްސަލައެއް ނެތް ކަމަށެވެ. މިހާރު ވެސް އަސްކަރީ މަރުކަޒު ހެދުމަށް 10 ގައުމަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އަސްކަރީ މަރުކަޒުތައް ހަދަން ހުށަހަޅާފައި ވަނީ އެ ގައުމުތަކުގެ ޚަރަދުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ގަތަރާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވޭ. އަަދި ގަތަރުގައި ހުރި އަސްކަރީ މަރުކަޒާ މެދު މައްސަލައެއް ޖެހޭކަށް ބޭނުމެއް ނުވޭ،" ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.

ގަތަރާ ދެކޮޅަށް މެދުއިރުމަތީގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން ޓްރަމްޕް ކުރެއްވި ޓްވީޓްތަކުގައި ވަނީ އެ ފިޔަވަޅުތަކަށް ތާއީދުކުރައްވައިފަ އެވެ.

މެއި މަހު ސައުދީ އަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅުގައި ވަނީ އަރަބި އަދި މުސްލިމް ލީޑަރުންނާ ބައްދަލު ކުރައްވައިފަ އެވެ.

ވައިޓް ހައުސް އިން ބުރާސްފަތި ދުވަހު ބުނީ ގަތަރު މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް ވަނީ ސައުދީ ރަސްގެފާން ސަލްމާން އަށް ގުޅުއްވައިފައި ކަމަށެވެ. އަދި ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން މިދިޔަ ހަފުތާގައި ވަނީ ސައުދީ، ކުވޭތު އަދި ގަތަރަށް ވަޑައިގެން އެ ގައުމުތަކުގެ ވެރިންނާ އެކު މަޝްވަރާ ކުރައްވައިފަ އެވެ.