އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ޣައްޒާ ހިންގުމަށް އުފައްދާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ދީފައިވާ ދައުވަތު ސައޫދީ އަރަބިއްޔާ އާއި ގަތަރުގެ އިތުރުން އިސްލާމީ ހަތް ގައުމަކުން ގަބޫލުކޮށްފައިވާ ކަމަށް ސައޫދީ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މި ބޯޑުގައި ބައިވެރިވާން ޓްރަމްޕު ދެއްވި ދައުވަތު ގަބޫލުކުރިކަން އިއުލާނުކޮށް ސައޫދީ ފޮރިން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ސުލްހައިގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ގަތަރުގެ އިތުރުން ތުރުކީ، މިސްރު، އުރުދުން، އިންޑޮނީޝިއާ، ޕާކިސްތާން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް ވެސް ބޯޑުގައި ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޣައްޒާގައި ސުލްހަ ގާއިމުކުރުމަށް ޓްރަމްޕު ކުރައްވާ މަސައްކަތަށް އެ ގައުމުތަކުގެ ތާއީދު އެބަ އޮތް ކަމަށެވެ.
މި ބަޔާނަށް ފަހު ކުވައިތުގެ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ގައުމުން ވެސް ޓްރަމްޕުގެ ދައުވަތު ގަބޫލުކުރިކަން އިއުލާނުކޮށްފަ އެވެ.
އެތައް ގައުމަކަށް ޓްރަމްޕު މި ދައުވަތު ފޮނުއްވާފައި ވާއިރު ބޯޑުގެ ދާއިމީ މެންބަރަކަށް ވާން ބޭނުން ނަމަ އެއް އަހަރު ތެރޭ 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް އެ ދައުވަތާ އެކު ބުނެފައިވެ އެވެ. ނަމަވެސް މިއިން އެއްވެސް ގައުމަކުން މި ފައިސާ ދައްކައިގެން ދާއިމީ މެންބަރުކަން ހޯދުމާ ބެހޭ ވާހަކައެއް ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
މިއީ އިޒްރޭލުން ދެ އަހަރު ވަންދެން ޣައްޒާއަށް ދިން ހަމަލާތަކަށް ފަހު އެތަން އާރާސްތުކުރުމުގެ ނަމުގައި އުފައްދަން ނިންމި ބޯޑެއް ނަމަވެސް އެ ޒިންމާއަށް ވުރެ މާ ފުޅާކޮށް ބޯޑުގެ ޗާޓަރުގައި ހިމަނާފައިވެ އެވެ. އަދި މިއީ އދ. އާ ވާދަޔަށް، ޓްރަމްޕުގެ ބާރު އޮންނަ ޖަމާއަތެއް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމުގެ ތުހުމަތާ އެކު ފްރާންސް ފަދަ، އެމެރިކާގެ އެކުވެރި ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ބޯޑުގައި ސައޫދީ އާއި ޔޫއޭއީ ވެސް ބައިވެރިވެފައި ވާއިރު މިއީ އެ ދެ ގައުމުގެ މެދުގައި ވެސް ގުޅުން ގޯސް ވަގުތެކެވެ. މި ދެ ގައުމަކީ ބޮޑެތި އިންވެސްޓްމަންޓުތަކުން ޓްރަމްޕުގެ ރުހުން ހޯދުމަށް ވާދަވެރިކަމާ އެކު މަސައްކަތްކުރާ ދެ ގައުމެވެ.
ފްރާންސުން ވަނީ ބޯޑުގައި ބައިވެރި ނުވާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވަނީ ދައުވަތު ގަބޫލުކުރިކަން އިއުލާނުކޮށްފަ އެވެ.
އެކަމަކު ނަތަންޔާހޫ ވަނީ ޣައްޒާ ހިންގާ ވަގުތީ ބޯޑުގައި ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން އާއި ގަތަރުގެ ޑިޕްލޮމޭޓް އަލީ އަލް ތަވާދީ ހިމެނުމަށް ދެކޮޅު ހަދައިފަ އެވެ. -- އޭއެފްޕީ