ވޮޝިންޓަން (ޖޫން 11) - ގަތަރާ ދެކޮޅަށް ބައެއް ގައުމުތަކުން ފިޔަވަޅު އެޅި މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ދައްކަވާ ވާހަކަތައް ތަފާތުވެއްޖެ އެވެ.
ގަތަރާ މެދު ދެބޭފުޅުން ދައްކަވާ ވާހަކަތަކަށް ގައުމުތަކުން އިޖާބަދޭ ގޮތް ވެސް ތަފާތެވެ. ގަތަރަށް ފިޔަވަޅު އެޅުމަށް ތާއީދުކުރައްވާ ޓްރަމްޕް ވާހަކަ ދެއްކެވި އިރު ޓިލަސަން ވަނީ އެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ގޮވާލައްވައިފަ އެވެ. ޔޫއޭއީ އިން ވަނީ ޓްރަމްޕަށް ތާއީދުކޮށްފަ އެވެ. ނަމަވެސް ގަތަރުގައި އިންސާނީ މުސީބާތެއް އުފެދިދާނެ ކަމަށް ޓިލަސަން ދެއްވި އިންޒާރަށް އެއްވެސް ގައުމަކުން ބަހެއް ބުނެފައެއް ނުވެ އެވެ.
މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ގަތަރަށް ވިދާޅުވެފައި ވަނީ "އެހެން މީހުން މަރަން ދަސްކޮށްދިނުން ހުއްޓާލަން ޖެހޭ" ކަމަށެވެ. އަދި ޚާރިޖީ ވަޒީރު ޓިލަސަންއާ އެކު އޭނާ ނިންމަވާފައި ވަނީ ޓެރަރިޒަމަށް ފައިސާ ހޭދަ ކުރުން ގަތަރުން ހުއްޓާލަން ގޮވާލަން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓިލަސަން ވިދާޅުވީ އޭނާ އިސްކަން ދެއްވަނީ ގައުމުތަކުގެ އެއްބައިވަންތަ ކަމަށް ކަމަށެވެ. ޓިލަސަން އަދި ވިދާޅުވީ މިހާރު އުފެދިގެން އުޅޭ މައްސަލައިގެ ސަބަބުން ޓެރަރިޒަމް ހުއްޓުވުމަށް ސަރަހައްދީ އެއްބާރުލުމަށް ހުރަސް އަޅާނެ ކަަމަށެވެ. ޓެރަރިޒަމް ހުއްޓުވުމުގައި އެ ގައުމެއްގެ ބޯޑަރުގެ ތެރޭން ފިޔަވަޅު އެޅުމަށް ވެސް ޓިލަސަން ވަނީ ގޮވާލައްވައިފަ އެވެ. ގަތަރު އެކަހެރި ކުރުމުން އެ ގައުމުގައި އިންސާނީ މައްސަލަތަކެއް އުފެދޭނެ ކަމަށް ޓިލަސަން ކުރިން ވަނީ ވިދާޅުވެފަ އެވެ.
ގަތަރުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ވަނީ ޔޫރަޕަށް ދަތުރެއް ކުރައްވައިފަ އެވެ.