ދޯހާ (ޖޫން 9) - ގަތަރާ ބައެއް ގައުމުތަކުން ގުޅުން ކަނޑާލި މައްސަލާގައި މަޝްވަރާ ކުރުމަށް އެމެރިކާ އަށް ވަޑައިގަތުމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން ދައުވަތު ލިބިވަޑައިގެންނެވި ނަމަވެސް އެކަން ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ގަބޫލް ނުކުރައްވާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ގަތަރުގެ އޮފިޝަލުން ބުނީ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލުމުން ގައުމު ބޮޑު މައްސަލަގަނޑެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައި ގަތަރު ދޫކުރައްވާ އެއްވެސް ގައުމަކަށް ވަޑައިގަތުމުގެ ވިސްނުން އަމީރު ނުގެންގުޅުއްވާ ކަމަށެވެ.
ގަތަރު މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުވޭތުގެ އަމީރު ގެންދަވަނީ މެދުވެރިއެއްގެ ރޯލު އަދާކުރައްވަމުންނެވެ. ކުވޭތުގެ އަމީރު ވަނީ ގަތަރަށް ވަޑައިގެން އަމީރު ޝެއިޚް ތަމީމްއާ މަޝްވަރާ ކުރައްވައިފަ އެވެ. ކުވޭތުގެ އަމީރު ކުރިން ވަނީ ސައުދީ އަށް ވެސް ވަޑައިގެން ސަލްމާން ރަސްގެފާންއާ ބައްދަލު ކުރައްވައިފަ އެވެ.
އަނެއްކޮޅުން ގަތަރާ ގުޅުން ކަނޑާލުމަށް ފަހު ޔޫއޭއީން ގަތަރަށް ޕޯސްޓުގެ ހުރިހާ ޚިދުމަތެއް ވަނީ ކަނޑާލައިފަ އެވެ. އަދި އަބޫ ދާބީ ޕެޓްރޯލިއަމް އިން ވަނީ ގަތަރާ ގުޅުން ހުރި އެއްވެސް ތެޔޮ ޓޭންކަރެއް ޔޫއޭއީގެ ބަނދަރުތަކާ ކައިރިކުރުން މަނާކޮށްފަ އެވެ.