ސޯޗީ، ރަޝިއާ (ޖޫން 15) - ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ މެޗު ފެށެން 48 ގަޑިއިރަށް ވެފައި ވަނިކޮށް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ކުއްލި ގޮތަކަށް ކޯޗުކަމުން ޖޫލެން ލޮޕެޓީގު ވަކިކޮށްފަ އެވެ. ލޮޕެޓީގު ވަކިކުރީ ރެއާލް މެޑްރިޑާ ހަވާލުވާން ސިއްރުން އެއްބަސްވުމެއް ހަދައި، އެ ކްލަބުން އެކަން އިއުލާން ކުރި ފަހުންނެވެ. ވޯލްޑް ކަޕްގައި ސްޕެއިނަށް މިހާރު އިރުޝާދުދޭނީ ކުރީގެ ކުޅުންތެރިޔާ ފެނާންޑޯ ހިއޭރޯ އެވެ.

ރެއާލް ކޯޗެއްގެ ގޮތުގައި އިއްޔެ ލޮޕެޓީގު މީޑިއާ އަށް ތައާރަފްކުރިއިރު، ގިނަ ސުވާލަަކަށް ޖަވާބުދޭކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާގެ މޫނު މަތިން ފެނުނީ މާޔޫސްކަމެވެ.

ލޮޕެޓީގުގެ ކޯޗުކަމުގައި ސްޕެއިން އެއްވެސް މެޗަކުން ބައްޔެއް ނުވެ އެވެ. އޭނާ ހުރީ މި ފަަހަރުގެ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދޭން އަޒުމްކަނޑައަޅައިގެންނެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ލޮޕެޓީގު ބުނީ ސްޕެއިންގެ ކޯޗުކަމުން ވަކިކުރި ހަބަރަކީ އޭނާގެ މަންމަގެ މަރުގެ ހަބަރަށް ފަހު ލިބުނު އެންމެ ހިތާމަވެރި ހަބަރު ކަމަށެވެ.

ޕޯޗުގަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ކޯޗު ހިއޭރޯ ވެސް ވަނީ ލޮޕެޓީގާ މެދު ވާހަކަ ދައްކަން ދެކޮޅުހަދައިފަ އެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިން އިރު ރާމޯސް އާއި ހިއެރޯގެ މޫނުމަތިން ވެސް ފެނުނީ މާޔޫސްކަމެވެ.

ރެއާލުގެ ކޯޗެއްގެ ގޮތުގައި ލޮޕެޓީގު މީޑިއާ އަށް ތައާރަފް ކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ރެއާލުގެ ކޯޗެއްގެ ގޮތުގައި ލޮޕެޓީގު މީޑިއާ އަށް ތައާރަފް ކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ހިއޭރޯ ބުނީ ލޮޕެޓީގު ކުރި މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި ވޯލްޑް ކަޕްގައި ރަނގަޅު ކާމިޔާބެއް ހޯދޭނެ ވަރުގެ ސްކޮޑެއް އެބަ އޮތް ކަމަށެވެ. އަދި ކޯޗިންގައި އޭނާގެ ތަޖުރިބާ މާ ބޮޑު ނޫން ނަމަވެސް ދަނޑު މަތީގައި ކުޅުންތެރިން ދައްކާ ހިތްވަރުގެ ސަބަބުން އޭނާގެ ފަރާތުން މައްސަލަތަކެއް ނުފެންނާނެ ކަމަށް ވެސް ބުންޏެވެ.

"ފޯކަސް އަށް ބަދަލެއް ނާދޭ. ކުޅުންތެރިން ތިބީ އެއް ރޫހެއްގައި މެޗުތައް ކާމިޔާބުކޮށް މި މުބާރާތުގެ ތަށި އަނެއްކާވެސް ހޯދަން،" ކޯޗުކަމާ ހަވާލުވުމުގެ ކުރިން ސްޕެއިން ޓީމުގެ ސްޕޯޓިން ޑިރެކްޓަރަަކަށް ހުރި ހިއޭރޯ ބުންޏެވެ.

ރާމޯސް ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން ބުނީ އަމާޒަކީ ވެދިޔަ ކަންތައް ހަނދާނުން ފޮހެލައި ކުރިއަށް ވިސްނުން ކަމަށެވެ.

"އަހަރެން މި ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް މިދަނީ. އެއީ މިތަން ހީވަނީ މީހެއްގެ ޖަނާޒާގެ ވަގުތުތަކެއް ހެން. އެކަމަކު ކުރިއަށް އޮތީ އަހަރެމެން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗު. ވޯލްޑް ކަޕަކީ ވަރަށް ފުރިހަމަ މުބާރާތެއް. މި މުބާރާތުގައި ކާމިޔާބު ހޯދަން އަހަރެމެން ބޭނުން،" ރެއާލާ އެކު ފާއިތުވި ތިން އަހަރު ޗެމްޕިއަންސް ލީގު ތަށި ކާމިޔާބުކުރި ރާމޯސް ބުންޏެވެ.

އެންމެ ފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓުމުން މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ބެލެވުނެވެ. އެކަމަކު ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައި އޮއްވައި ކުރިމަތިވި ކަންތައްތަކުގެ ސަބަބުން އެ ޓީމު މިހާރު އޮތީ އުނދަގޫ ހާލަތެއްގެ ތެރޭގަ އެވެ.

ހިއޭރޯގެ އިރުޝާދުގެ ދަށުން އެ ޓީމު ފުރަތަމަ މެޗަށް ނުކުންނައިރު އޭނާގެ ބެލުމުގެ ދަށުން ކޮށްލަން ލިބުނީ އެންމެ ޕްރެކްޓިހެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހުރިހާ ގޮތަކުން ބެލިޔަސް މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިނަށް ކުރިމަތިވާނެ ބޮޑު އިމްތިހާނެކެވެ.

ސްޕެއިނާއި ޕޯޗުގަލް ކުޅޭ މެޗު ފަށާނީ މިރޭ 11 ޖަހާއިރު އެވެ. އޭގެ ކުރިން 8 ޖަހާއިރު އޮންނާނީ އެ ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ މޮރޮކޯ އާއި އިރާން ކުޅޭ މެޗެވެ.