މެޑްރިޑް (އޮގަސްޓް 29) – ވޯލްޑް ކަޕް ކޮލިފައިންގައި ހޮނިހިރު ދުވަހުގެރޭ އިޓަލީއާ ދެކޮޅަށް މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ސްޕެއިން ކުޅޭ މެޗުގައި ޖެރާޑް ޕީކޭއާ ދިމާނުކުރުމަށް ކެޕްޓަން ސާޖިއޯ ރާމޯސް ސަޕޯޓަރުންގެ ކިބައިން އެދިއްޖެ އެވެ.

މެޑްރިޑުގެ ރާމޯސް އާއި ބާސެލޯނާގެ ޕީކޭއާ ދެމެދު ކްލަބުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ދޭތެރެއަކުން ބަހުގެ ހަމަލާތައް ވެސް ބަދަލުކުރެ އެވެ. އަދި ގައުމީ ޓީމުގެ މެޗުތަކުގައި ވެސް މެޑްރިޑުގެ ސަޕޯޓަރުން އޭނާއާ ދިމާކުރެ އެވެ. އެކަމަކު ދެ ކުޅުންތެރިންނަކީ ވެސް ގައުމީ ޓީމުގެ ޑިފެންސިވް ޕާޓްނަރުންނެވެ.

"ޕީކޭ އަށް ވިޔަސް އެހެން މީހަކަށް ވިޔަސް އަބަދުވެސް ކުޅުންތެރިންނަށް އިހުތިރާމްކުރަން ޖެހޭނެ. (އަހަރެން ސަޕޯޓަރުން ގާތު އެދެން) އަހަރެމެންނަށް ސަޕޯޓްކޮށްދިނުމަށް. މި މެޗު ވެގެންދާނީ އުނދަގޫ މެޗަކަށް. އަހަރެމެން ބޭނުންވަނީ ރަނގަޅަށް ކުޅުމެއް ދައްކައި ރަނގަޅު މެޗެއް ކުޅެން،" ޕީކޭ ބުންޏެވެ.

ކޮލިފައިންގެ ގްރޫޕް ޖީ ގައި އިޓަލީ އާއި ސްޕެއިން 16 ޕޮއިންޓް ހޯދާފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ސްޕެއިނެވެ. ގްރޫޕުގެ އެއް ވަނަ ހޯދައި ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ހޯދަން މި މެޗުން މޮޅުވުން ދެ ޓީމަށް ވެސް ވަރަށް މުހިއްމެވެ.

މި މެޗަށް ނެގި ސްޕެއިން ސްކޮޑުން ވަނީ އުމުރުން 35 އަހަރުގެ ފޯވާޑް ޑޭވިޑް ވިޔާ އަށް ފުރުސަތު ދީފަ އެވެ. ސްޕެއިނާ އެކު 2008 ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ވިޔާ މިހާރު އެމެރިޖާގެ މޭޖާ ލީގުގައި ކުޅެމުން އަންނާތީ އޭނާ ސްކޮޑަށް ނެގުމަކީ ލިބުނު ހައިރާންކަމެކެވެ.

"އަހަރެމެން އެންމެން ހައިރާންކޮށްލި. އެކަމަކު އެންމެން ތާއީދުކުރޭ. އޭނާގެ އަދި ވެސް ހުރީ ޒުވާންކަމުގެ ރޫހު. އަބަދުވެސް ބޭނުންވަނީ ގޯލް ޖަހަން،" ރާމޯސް ބުންޏެވެ.