ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭގެ ޕްލޭނުގައި ނުހިމެނޭތީ، އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
ސްޕެއިނާ އެކު 2010 ގެ ވޯލްޑް ކަޕާއި 2008 އާއި 2012 ގެ ޔޫރޯ ކާމިޔާބުކުރި ރާމޯސް އަށް 2021 ވަނަ އަހަރުގެ މާޗުގެ ފަހުން އެ ޓީމުން ފުރުސަތެއް ނުލިބެ އެވެ.
އަންނަ މަހު އުމުރުން 37 އަހަރު ފުރޭ ރާމޯސް އަށް މިދިޔަ ދެ އަހަރެއްގެ ތެރޭގައި އަނިޔާގެ މައްސަލަތައް ކުރިމަތިވެ ފޯމު ދަށްވި ނަމަވެސް މިދިޔަ އަހަރު އަނިޔާ އިން ސަލާމަތްވެ ކުޅުން ރަނގަޅުކުރި އެވެ.
އެހެންވެ ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ފްރާންސްގެ ޕީއެސްޖީ އަށް މިހާރު ކުޅޭ ރާމޯސް ގައުމީ ޓީމުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރުމުގެ ފުރުސަތު މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ދޭނެ ކަމަށެވެ. އެކަމަކު ކޯޗު ލުއިސް އެންރީކޭ، އޭނާ އަށް ޖާގައެއް ނުދިނެވެ.
ދެން ބެލެވުނީ، އެ މުބާރާތުގެ ނާކާމިޔާބަށް ފަހު އެންރީކޭ އިސްތިއުފާ ދިނުމުން ޓީމާ ހަވާލުވި ފުއެންޓޭގެ ކޯޗުކަމުގައި ރާމޯސް އަށް އިތުރު ފުރުސަތެއް ލިބޭނެ ކަމަށެވެ. އެކަމަކު ފުއެންޓޭ ވަނީ ރާމޯސް އަށް ބަރޯސާނުވާނެ ކަމަށް އޭނާ ގާތު ބުނެފަ އެވެ. ރާމޯސް އެކަން ނެގީ ޒާތީ ކަމެއްގެ ގޮތުގަ އެވެ.
"އެ ވަގުތު އަތުވެއްޖެ. ގައުމީ ޓީމަށް އަލްވަދާއު ކިޔަން ޖެހޭ ވަގުތު އެންމެ ފަހުން އަތުވެއްޖެ،" ރާމޯސް ސޯޝަލް މީޑިއާގައި ލިޔުނެވެ.
"މިއަދު (އިއްޔެ) ހެނދުނު އަހަންނަށް މިހާރުގެ ކޯޗުގެ ފޯނެއް އައި. ކޯޗު ބުނި އަހަރެން ކޮންމެ ފެންވަރަކަށް ކުޅުނަސް އަދި ކުރިއަށް އޮތްތަނުގައި ކެރިއަރު ކޮންމެ ގޮތަކަށް ދިޔަޔަސް، މިހާރު ވެސް އަދި ދެން ވެސް އޭނާގެ ޕްލޭނުގައި އަހަރެން ނުހިމެނޭނެކަމަށް."
ސްޕެއިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީގެން ރެކޯޑް ހަދާފައިވާ ރާމޯސް ބުނީ ހިތާމައާ އެކު މި ނިންމާލަން ޖެހުނީ، މިއަށް ވުރެ ދިގު ދަތުރަކަށް ވާނެ ކަމަށް އޭނާ އުއްމީދުކުރި ދަތުރެއް ކަމަށާއި އަދި އޭނާ އުއްމީދުކޮށްގެން ހުރީ މިއަށް ވުރެ އުފާވެރިކޮށް މި ދަތުރު ނިމޭނެ ކަމަށް ކަމަށެވެ.
ރާމޯސް ބުނީ އޭނާ އަށް ފެންވަރު ނުދެއްކޭ ހާލަތެއް އައިސްގެން ނުވަތަ އަމިއްލަ ނިންމުމަކާ ގުޅިގެން ކުޅުން ހުއްޓާލަން ޖެހޭ ދުވަސް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު ހަމައެކަނި އުމުރަށް ބަލާފައި ނުވަތަ އެހެން ސަބަބަކާ ހެދި ގައުމީ ޓީމުން ފުރުސަތު ގެއްލުމަކީ އުއްމީދުކުރި ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ރާމޯސް ވަނީ އުމުރުން 35 އަހަރުގައި މިދިޔަ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ލިއޮނަލް މެސީ އާއި އުމުރުން 37 އަހަރުގައި އެ މުބާރާތުގައި މޮޅަށް ކުޅުނު ލޫކާ މޮޑްރިޗް އަދި އުމުރުން 39 އަހަރުގައި އެ މުބާރާތުގައި ޕޯޗުގަލްގެ ފަހަތް ބެލެހެއްޓި ޕެޕޭ އަށް އިޝާރާތްކޮށް، އުމުރަކީ ކުޅުން ދަށްވާން އޮތް ސަބަބެއް ނޫން ކަމަށް ބުނެފަ އެވެ.
"ނަސީބު ދެރަކަމުން އަހަންނަށް އެ ފުރުސަތެއް ނެތް. ސަބަބަކީ ފުޓްބޯޅައަކީ އަބަދު އިންސާފުވެރި ކުޅިވަރަކަށް ނުވާތީ،" ރާމޯސް ބުންޏެވެ.
ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ރާމޯސް އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުވާލީ، ވާދަވެރި ބާސެލޯނާގެ ނުފޫޒު އޮތް ބައެއްގެ ރޭވުމުގެ މަތިން ކަމަށް ވާހަކަތައް ދެކެވެ އެވެ.
ރެއާލް ނިސްބަތްވަނީ، ސްޕެއިނުގެ މައި ސަރުކާރު ގާއިމްވެފައި އޮންނަ މެޑްރިޑަށެވެ. ބާސެލޯނާ އަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ކެޓަނޯނިއާ ސަރަހައްދުގެ ޓީމެކެވެ. އެހެންވެ ރެއާލާއި ބާސެލޯނާއާ ދެމެދު ސިޔާސީ ވާދަވެރިކަމެއް ވެސް އޮވެ އެވެ.