އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި މައިގަނޑު އެއް ސަބަބަކީ އެ ޕާޓީ އިސްލާހު ކުރުން ކަމަށް ދެ ކެންޑިޑޭޓުންގެ ތެރެއިން ޑރ. އިކްރާމް އަބްދުއްސައްތާރު މިއަދު ވިދާޅުވެއްޖެ އެވެ. 

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވިއިރު ކުރިމަތިލެއްވީ އިކްރާމްގެ އިތުރުން އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އެވެ.

އަދާލަތު ޕާޓީ 2005 ގައި އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިކްރާމް ވިދާޅުވީ، އެ ޕާޓީ އަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 

އިކްރާމް ވިދާޅުވި ގޮތުގައި، ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ބޮޑު ތާއީދެއް އޮތް އަދާލަތު ޕާޓީ އަށް އާންމުންގެ އިތުބާރު އަލުން ހޯދަން ވަނީ ޖެހިފަ އެވެ. އެހެންވެ، އޭނާގެ އެންމެ ބޮޑު އަމާޒަކީ އެކަން ބަދަލުކޮށް، ކުރިން އަދާލަތަށް ލިބިފައިވާ ގަދަރާއި ރީތި ނަން އަނބުރާ އިޔާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް، ރައްޔިތުންގެ ތެރޭގައި މަގުބޫލު ޕާޓީއަކަށް ހެދުން ހެދުން ކަމަށް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ރައީސަކަށް ކުރިމަތިލެއްވޭނީ ރަނިންމޭޓަކާ އެކުގަ އެވެ. 

އިކްރާމްގެ ރަނިންމޭޓަކަށް ނެރުއްވީ އަދާލަތު ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ މުހައްމަދު މުއްތަލިބެވެ. އޭނާއަކީ މި ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވެސް މެ އެވެ. 

މުއްތަލިބު ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން މެރިން ރިސޯސަސް ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

އިކްރާމަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ފުރިހަމަ ކުރެއްވުމަށް ފަހު، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އައިޔޫއެމްގައި ގާނޫނާއި ރިސާޗުގެ މާއްދާތައް ކިޔަވައި ދެއްވުމުގެ އިތުރުން، ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުންގެންދަވާ އިކްރާމަކީ 2005 ވަނަ އަހަރުން ފެށިގެން އަދާލަތު ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. 

"އެހެންކަމުން އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ އެކަން ބަދަލުކޮށް، ކުރިން ޕާޓީއަށް ލިބިފައިވާ ޤަދަރާއި ރީތިނަން އަނބުރާ އިޢާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ތެރޭގައި މަޤުބޫލު ޕާޓީއަކަށް ޢަދާލަތު ޕާޓީ ހެދުން،"---
އިކްރާމް

ނަމަވެސް އަދާލަތުގެ މިސްރާބު 2017 ވަނަ އަހަރުން ފެށިގެން ކަސިޔާރުވެ، ޕާޓީ އުފެއްދި އަސްލު މަގުސަދާ ހިލާފަށް ހިންގަމުން ގެންދާ ކަމަށް ގަބޫލު ކުރެއްވޭތީ، އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ މިހާރު ހައެއްކަ އަހަރު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ދެން ކުރިމަތިލެއްވި އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝިފާނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރޭގައި އަދާލަތުގެ މިހާރުގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އާއި ޑރ. އިޔާޒު ހިމެނިވަޑައިގަންނަވަ އެވެ. 

މިދިޔަ އެމްޑީޕީ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އެ ޕާޓީއާ އެކު މަސައްކަތްކުރި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް އިމްރާން ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ޝިފާނަށް އޮންނާނެ ކަމަށެވެ. 

"މި ނާޒުކު ވަގުތުގައި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަކޮށް، ކުރިއަށް ގެންދެވުމަށް ކުރެވެން އޮތް ހުރިހާ މަަސައްކަތެއް އަޅުގަނޑުމެން އެންމެންް ކުރަންޖެހޭ ކަމަށް ހިތުގެ އަޑިން ގަބޫޫލުކުރަން،" އިމްރާން ވިދާޅުވި އެވެ. 

އިމްރާން އެހެން ވިދާޅުވި ނަމަވެސް، އޭނާގެ ލީޑަޝިޕްގައި އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް އަައި އިރު ވަނީ 10،000 އިން 8،000 އަށް ދަށްވެފަ އެވެ. އެ ސަބަބާ ހެދި، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އަށް ވެސް މިހާރު އަދާލަތު ޕާޓީ ޝަރުތު ހަމައެއް ނުވެ އެވެ.

ރާއްޖޭގައި އުފެއްދި ދެވަނަ ޕާޓީގެ ޝަރަފު އޮތް އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އިމްރާން އެވެ. އޭނާ އެ މަގާމު ދެ ދައުރު ފުރުއްވާފައިވާއިރު، ޕާޓީގެ ގަވާއިދު އޮންނަ ގޮތުން ވިދިވިދިގެން ދެ ދެ ދައުރުގައި ރައީސް ކަމަށް އެއް ބޭފުޅަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

އަދާލަތު ޕާޓީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެވޭނީ އިއުލާނު ކުރި ތާރީހާ ހަމައަށް، އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންނަށެވެ. އަދި އެ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި ދެ އަހަރު ދުވަހު އުޅެ، ޕާޓީގެ އުސޫލުތަކަށް ހޭނުން ހިމަނާފައި ވެ އެވެ.

އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ މި މަހުގެ 31 ގައި ސިއްރު ވޯޓެއް ނަގާނެ އެވެ. އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް އެ ވޯޓު ނަގަން ވަނީ ނިންމައިފަ އެވެ.