އަދާލަތު ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އަދި އާންމު މެމްބަރެއް ކަމަށްވާ އިކްރާމް އަބްދުއްސައްތާރު ކުރިމަތިލައްވައިފި އެވެ. 

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތު އިއްޔެ ހަމަވިއިރު، ލިބުނީ އެ ދެ ބޭފުޅުންގެ ނަން އެކަނި ކަމަށް އަދާލަތު ޕާޓީން މިރޭ ބުންޏެވެ. 

ރާއްޖޭގައި އުފެއްދި ދެވަނަ ޕާޓީގެ ޝަރަފު އޮތް އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އިމްރާން އެވެ. އޭނާ އެ މަގާމު ދެ ދައުރު ފުރުއްވާފައިވާއިރު، ޕާޓީގެ ގަވާއިދު އޮންނަ ގޮތުން ވިދިވިދިގެން ދެ ދެ ދައުރުގައި ރައީސް ކަމަށް އެއް ބޭފުޅަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް މި ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ އަހަރުގެ އޭޕްރީލް މަހު އިއުލާން ކުރައްވާފައިވީ ނަމަވެސް އޭނާގެ ނަމެއް ލިސްޓަކު ނެތެވެ. 

އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝަހީމް އެ ޕާޓީއާ އަލުން ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހު އެވެ. 

އޭނާގެ އެ ނިންމެވުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހު އިލްޔާސް ހުސައިނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރަޝީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހު މުހައްމަދު އަނިލް އާއި ޑރ. އިޔާޒް އަބްދުއްލަތީފް ވެސް އޭރު ތާއީދު ކުރެއްވި އެވެ. 

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި ޝިފާނަކީ މަދީނާ ޔުނިވާސިޓީން ޝަރުއީ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލު ކުރައްވާފައިވެ އެވެ.

އަދާލަތު ޕާޓީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެވޭނީ އިއުލާނު ކުރި ތާރީހާ ހަމައަށް، އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންނަށެވެ. އަދި އެ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި ދެ އަހަރު ދުވަހު އުޅެ، ޕާޓީގެ އުސޫލުތަކަށް ހޭނުން ހިމަނާފައި ވެ އެވެ.

އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ މި މަހުގެ 31 ގައި ސިއްރު ވޯޓެއް ނަގާނެ އެވެ. އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް އެ ވޯޓު ނަގަން ވަނީ ނިންމައިފަ އެވެ.