އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރި އިއުލާނުގައިވާ ގޮތުން އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެވޭނީ އިއުލާނު ކުރި ތާރީހާ ހަމައަށް އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންނަށެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުރުތަކުގެ ތެރޭގައި، އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި ދެ އަހަރު ދުވަހު އުޅެ، ޕާޓީގެ އުސޫލުތަކަށް ހޭނުން ހިމަނާފައި ވެ އެވެ.
އަދާލަތުގެ ރައީސްކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އިއުލާނުގައިވާ ގޮތުން އަންނަ ޖެނުއަރީ 8 ގަ އެވެ.
ކެންޑިޑޭޓުންގައި ހުންނަން ޖެހޭ ބައެއް ޝަރުތުތައް
- އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން.
- އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވުން.
- ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.
- އެ މީހެއްގެ މައްޗަށް ހިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަހުލާގީ މައްސަލައެއް، ޝަރީއަތުން ސާބިތުވެފައިވާ މީހަކަށް ނުވުން.
- އަދާލަތު ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި ދެ އަހަރު ވަންދެން އުޅެ، އެޕާޓީގެ އުސޫލުތަކަށް ހޭނިފައިވާ މީހަކަށް ނުވުން.
- އެމްކިއުއޭ އިން ގަބޫލުކުރާ ޔުނިވާސިޓީއަކުން، ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައި ވުމާއެކު، ތިން އަހަރު ދުަވަހުގެ އަމަލީ ތަޖުރިބާ ހުރި މީހަކަށް ވުން.
އިއުލާނުގައިވާ ގޮތުން އަދާލަތު ޕާޓީގެ ރައީސް ކަމަށް އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތި ނުލައިފި ނަމަ ރައީސް ކަމަށް ބޭފުޅަކު ހޮވާނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ ޖެނުއަރީ 31 ގައި ސިއްރު ވޯޓެއް ނަގާނެ އެވެ. އެ ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ކުރީގެ ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ އެވެ.