ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ނިންމައިފި އެވެ.
އެ ކޮލެޖުން މި މަހުގެ ކުރީކޮޅު ވެސް ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރި އެވެ. ވިލާ ކޮލެޖުން ބުނި ގޮތުގައި އަނެއްކާވެސް މުއްދަތު އިތުރު ކުރީ މިއަދު އޭލެވެލްގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވާތީ އޭލެވެލް ނިންމި ދަރިވަރުންނަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު މި އިންޓޭކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވާއިރު، ސެމިސްޓާގެ ފުރަތަމަ ތިން ހަފްތާ ނިމެންދެން ކޯސްތަކުގައި ބައިވެރިވުމަށް ހުށަހެޅޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުން ބުނިގޮތުގައި ޖެނުއަރީ އިންޓޭކުގެ އޮރިއަންޓޭޝަން މިހާރު ފަށާފައި ވާއިރު، ކޯސްތަކާ ފަހުން ގުޅޭ ދަރިވަރުންނަށް ވެސް އޮރިއަންޓޭޝަންގެ މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ.
ޖެނުއަރީ އިންޓޭކުގައި ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގެ ޑިގްރީގެ ނުވަ ޕްރޮގްރާމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ބީއެސްސީ އެކައުންޓިން އެންޑް ފައިނޭންސާއި ބީއޭ ބިޒްނަސް އެންޑް މެނޭޖްމަންޓާއި ބީއޭ ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް އާއި ބީއޭ ބިޒްނަސް މެނޭޖްމަންޓް ވިތް މާކެޓިންގެ އިތުރުން ބީއޭ ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓާއި ބީއެސްސީ ކޮމްޕިއުޓާ ސައިންސާއި އެލްއެލްބީ އާއި ބީއެސްސީ ނާރސިން (އިންޓަނޭޝަނަލް) ގެ އިތުރުން ބީއޭ އިންޓަނޭޝަނަލް ބިޒްނަސް މެނޭޖްމަންޓް (ޓޮޕް-އަޕް) ޕްރޮގުރާމެވެ.
މި އިންޓޭކްގައި އޭޝިއާގެ އެންމެ މަތީ 50 ޔުނިވާސިޓީގެ ތެރޭގައި ހިމެނޭ ޓެއިލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ކަމަށްވާ ބެޗްލާ އޮފް ކަލިނަރީ މެނޭޖްމަންޓާއި ބެޗްލާ އޮފް މާސް ކޮމިއުނިކޭޝަނާއި ބެޗްލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓްތައް ވެސް ކޯސް ހިމެނެ އެވެ.
މި އިންޓޭކްގައި ވިލާ ކޮލެޖުގެ އަމިއްލަ ޑިގްރީ ކޯސްތަކުގައި ވެސް ބައިވެރިވެވޭނެ އެވެ.
ވިލާ ކޮލެޖުން ބުނިގޮތުގައި ޑިގްރީ ޕްރޮގްރާމްތަކަށް ޝަރުތު ހަމަނުވާ ދަރިވަރުންނަށް ވިލާ ކޮލެޖްގެ ސެޓްފިކެޓް 4 ގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ އެވެ.
ވިލާ ކޮލެޖުން ބުނީ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ބެޗެލާސް ޑިގްރީގެ ހުރިހާ ޕްރޮގްރާމްތަކަށް ކިޔެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.