ވިލާ ކޮލެޖުގައި އިންޓަނޭޝަނަލް ލޯ އާ ގުޅޭ ސިމްޕޯޒިއަމްއެއް ފަށައިފި އެވެ.
މި ސިމްޕޯޒިއަމް އަކީ ރާއްޖޭގައި އިންޓަނޭޝަނަލް ލޯ އާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ އެކަންތައްތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ސިމްޕޯޒިއަމްއެކެވެ. މި ސިމްޕޯޒިއަމްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ލޯޔަރުންނާއި ލޯ ފާމްތަކާއި އެންޖީއޯތަކުން ބައިވެރިވި އެވެ.
ސާޅީހަކަށް ބައިވެރިން ހިމެނޭ މި ސިމްޕޯޒިއަމް ކުރިއަށްދާނީ ދެ ދުވަހުގެ ނިޔަލަށެވެ. މި ސިމްޕޯޒިއަމްގައި 22 ޕްރެޒެންޓޭޝަނާއި 17 ޕޭޕަރު ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސިމްޕޯޒިއަމް ފަށަން ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ރާއްޖޭގައި މަލްޓިނޭޝަނަލް ކުންފުނިތަކުގެ ކްލަޔަންޓުންނަށް ހިދުމަތް ދޭ ލޯ ފާމުތައް ގިނަވެ، ރާއްޖޭގައި ފޮރިން އިންވެސްޓުމަންޓުތައް އިތުރުވަމުން ދާއިރު އިންޓަނޭޝަނަލް ލޯ އާއި ފޮރިން އެފެއާޒްއާ ގުޅޭ އެޑިއުކޭޝަން ޕްރޮގުރާމުތައް ހިންގުން މުހިންމު ކަމަށެވެ.
"ރާއްޖެއިން ގާނޫނީ ދާއިރާ ކިޔަވާ ގިނަ ދަރިވަރުންތަކެއް ހުރި އިރު، އެ ދަރިވަރުންނަށް ގާނޫނީ އެކި ދާއިރާތަކުން ކިޔެވުމަށް މަގުފަހިކޮށްދޭން ޖެހޭ. އަޅުގަނޑުމެންފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯއަށް އަންނަ އަހަރު އާ ޕްރޮގުރާމެއް އިތުރު ކުރުމަށް މި ދަނީ މަސައްކަތް ކުރަމުން. މި ޕްރޮގުރާމަކީ އިންޓަނޭޝަނަލް ލޯ އާއި ފޮރިން އެފެއާޒްގެ ޕްރޮގުރާމެއް." އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޔޫއެން ރެޒިޑެންޓް ކޯޑިނޭޓާ އިން މޯލްޑިވްސް ކެތުރިން ހެޒްވެލް ވަނީ ވިލާ ކޮލެޖުން ރާއްޖޭގެ ގާނޫނީ ދާއިރާ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ސިމްޕޯޒިއަމް އަކީ މި ދާއިރާގައި އޮތް އަންޑަސްޓޭންޑިން އިތުރުކޮށް، ރާއްޖޭގައި މި ދާއިރާއަށް އޮތް އަހުލުވެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
ކެތުރިން ވިދާޅުވީ މި ސިމްޕޯޒިއަމް އަކީ ބޭރު ދުނިޔޭގެ ލީގަލް ކޮމިއުނިޓީ އާއި ރާއްޖޭގެ ލީގަލް ކޮމިއުނިޓީ ގުޅައިދޭނެ ހަރަކާތެއް ކަމަށާއި އެ ގުޅުމުގެ ހެޔޮ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށެވެ.
މި ސިމްޕޯޒިއަމް އަކީ ރާއްޖޭގައި އިންޓަނޭޝަނަލް ލޯގެ ދާއިރާއިން ބާއްވާ ފުރަތަމަ ސިމްޕޯޒިއަމް އެވެ. އަދި އެ ކޮލެޖުން މި އަހަރު ގާނޫނީ ދާއިރާއިން ބާއްވާ ދެ ވަނަ ސިމްޕޯޒިއަމް އެވެ.
މި ސިމްޕޯޒިއަމް އަކީ ވިލާ ކޮލެޖުން ހިއުމަން ރައިޓްސް ސެންޓާ، ޔޫކޭގެ ޔުނިވާށިޓީ އޮފް އެސެކްސް އަދި އިންޑިއާގެ އެމްއެމް ޝަންކަރައޯ ޗަވަން ލޯ ކޮލެޖާއި ގުޅިގެން ބާއްވާ ބައިނަލް އަގުވާމީ ހަރަކާތެކެވެ.