"ވީކެއާ ކައުންސެލިން އެންޑް ސައިކޯތެރަޕީ"ގެ ނަމުގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭ ސެންޓަރެއް ވިލާ ކޮލެޖުން ހުޅުވައިފި އެވެ.
މިއީ ނަފްސާނީ ފަރުވާ ދޭ ސެންޓަރެއް މަތީ ތައުލީމު ދޭ މަރުކަޒަކުން ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ. އެ ކޮލެޖުގައި ހުޅުވި މި ސެންޓަރަކީ އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ އިތުރުން އާއްމުންނަށް ބޭނުންވާ ނަފްސާނީ ފަރުވާ ފޯރުކޮށްދޭން އެ ކޮލެޖުގައި ހެދި ތަނެކެވެ.
މި ސެންޓަރުން ސައިކޮސޯޝަލް ސަޕޯޓާއި ކައުންސެލިންގެ ހިދުމަތާއި ސައިކޮތެރަޕީ އަދި ސައިކޮލޮޖިކަލް އެސެސްމަންޓްގެ ހެއްދުމުގެ ހިދުމަތް ލިބޭނެ އެވެ. "ވީކެއާ"ގެ ވެބްސައިޓުން އެ ތަނުގެ ހިދުމަތްތަކަށް އެޕޮއިންޓްމަންޓް ހޯދުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވި ގޮތުގައި އެ ތަނަކީ އެ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ނަފްސާނީ ގޮތުން ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ތަނެކެވެ. އަދި މި ސެންޓަރުގެ ސަބަބުން، އެ ކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ދަރިވަރުންނާއި މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މި ތަނުގެ އެހީ ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ޕްރޮފެސަރު ޑރ. އައިޝަތު ނަޝީދާ ވިދާޅުވީ އެ ފަދަ ސެންޓަރަކީ އިލްމީ ގާބިލް ދަރިވަރުންތަކެއް ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށެވެ.
"ވަރަށް ބޮޑަށް ކޮލެޖު ދުވަސްވަރު ތައުލީމީ ދާއިރާއިންނާއި ދިރިއުޅުމުގެ އެކި ކަންތައްތަކުގެ ތެރެއިން ސްރެސް އާއި އެންޒައިޓީއާ ކުރިމަތިލާ. އަޅުގަނޑުމެން ތަކުރާރުކޮށް މި ތަނަކީ ކޮލިޓީ ތައުލީމެއް ދޭ ތަނެއްގެ ގޮތުގައި ސިފަކުރާ އިރު، އެ ދޭ ތައުލީމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް ލިބޭނީ އެ ކުދިންނަކީ ނަފްސާނީ ގޮތުން ވެސް ދުޅަހެޔޮ ބަޔަކަށް ހެދިގެން. މި ތަން އަޅުގަނޑުމެން މި ހުޅުވީ ދަރިވަރުންނަށް ނަފްސާނީ ގޮތުން ސަޕޯޓް ބޭނުންވާކަން ދެނެގަނެވި، ދަރިވަރުންނާއި އާއްމުންނަށް ވެސް މި ހިދުމަތް ފޯރުކޮށްދިނުމަށް." ޑރ. ނަޝީދާ ވިދާޅުވި އެވެ.
ޑރ. ނަޝީދާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ޔުނިވަސިޓީ ފެންވަރުގެ އިންސްޓިޓިއުޓުތަކުގައި މި ފަދަ ސެންޓަރުތައް ގާއިމުކޮށްފައި ހުރި އިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ފަދަ ސެންޓަރެއް ތައުލީމު ދޭ މަރުކަޒެއްގައި ގާއިމުވުމަކީ ސައިކޮލަޖީ ދާއިރާ އާއި ތައުލީމީ ދާއިރާއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން މި ތަނަކީ އެ ކޮލެޖުގެ ބެޗެލާސް އިން ސައިކޮލޮޖީ އަދި މާސްޓާސް އޮފް ސައިންސް (ކައުންސެލިން)ގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް އެކަޑަމިކް އަދި ފަންނީ ތަޖުރިބާގެ ގޮތުގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ ތަނެކެވެ.
"ވީކެއާ ކައުންސެލިން އެންޑް ސައިކޯތެރަޕީ" ހުޅުވާފައި ވަނީ ތިން ލައިސެންސްޑް ކައުންސިލަރުންނާއި އެކު އެވެ. މި ތަނުގެ ވެބްސައިޓު https://vcare.villacollege.edu.mv/ އިން އާއްމުންނަށް ވެސް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ. މި ތަން ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. މި ތަނުގެ ހިދުމަތްތަކަށް އަގު ނަގަން ހަމަޖެހިފައި ވަނީ އާއްމުކޮށް ރާއްޖޭގައި މި ފަދަ ސެންޓަރުތަކުގެ ހިދުމަތްތައް ދޭ އަގުގަ އެވެ.