ވިލާ ކޮލެޖުގެ މާސްޓާ އޮފް ސައިންސް (ކައުންސެލިން) ޕްރޮގްރާމުގައި ކިޔަވާ ދަރިވަރުން ތައްޔާރުކޮށްފައިވާ "އެތިކަލް ކޯޑް އޮފް ކޮންޑަކްޓް ފޯ ދަ ސައިކޮލޮޖީ އެންޑް ކައުންސެލިން ޕްރޮފެޝަނަލްސް އިން ދަ މޯލްޑިވްސް"ގެ އެކްސްޕާޓް ވެލިޑޭޝަން ސެޝަން ބާއްވައިފި އެވެ.

މި ސެޝަން ބޭއްވީ މިއަދު ވިލާ ކޮލެޖުގަ އެވެ. މި ވެލިޑޭޝަން ސެޝަންގެ މަގުސަދަކީ ރާއްޖޭގައި ކައުންސެލިން އަދި ސައިކޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން، ނަފްސާނީ ފަރުވާ ދިނުމުގައި ބޭނުންކުރެވިދާނެ އެތިކަލް ސްޓޭންޑަޑްތަކެއް ކަނޑައެޅުމަށް، ކަމުގެ ފަންނީ ތަޖުރިބާކާރުންގެ ލަފާ ހޯދުމެވެ. އެ ކޮލެޖުގެ ދަރިވަރުން މި ކަމަށް ބޭނުންވާ އެތިކަލް ފްރޭމްވޯކު ދަރިވަރުން ތައްޔާރުކުރީ ސައިކޮލޮޖީ ދަރިވަރުން މި އަހަރު ބޭއްވި ކޮންފަރެންސްގަ އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި މި ފްރޭމްވޯކް ތައްޔާރުކޮށްފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތިކަލް ސްޓޭންޑަޑްސް ބަލާ ދިރާސާކުރުމަށް ފަހު ރާއްޖޭގެ ސަގާފަތާއި އާދަކާދަ އާއި ދިވެހިންގެ ދިރިއުޅުމާ ގުޅޭގޮތަށެވެ. އަދި މި ފަދަ ފްރޭމްވޯކެއްގެ ސަބަބުން، ނަފްސާނީ ފަރުވާ ހޯދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އިތުބާރާ އެކު ފަރުވާ ލިބުމަށް މަގުފަހިވާނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ރާއްޖޭގައި ކައުންސެލިންގެ ދާއިރާއިން މީހުން ބިނާކުރުމަށް މާސްޓާ އޮފް ސައިންސް (ކައުންސެލިން) ޕްރޮގްރާމް ފެށީ މި އަހަރުގެ ޖެނުއަރީގަ އެވެ. ވިލާ ކޮލެޖުން މި ދާއިރާ ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ނަފްސާނީ ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް އެ ކޮލެޖުގައި، މި މަހުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.