ކޮންމެ އަހަރެއްގެ ރޯދަ މަހާ ގުޅުވައިގެން ދިރާގުން، ތަފާތު މެސެޖަކާ އެކު ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ކުރެއެވެ. އާއްމުކޮށް މި ވީޑިއޯތައް ގުޅުވާލަނީ އެ އިރެއްގައި މުޖުތަމައު ތެރޭގައި ހުންނަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށެވެ. ނަމަވެސް މި އަހަރުގެ ވީޑިއޯއިން އެންމެންނަށް އާކޮށްލަދިނީ ކުރީގެ ހަނދާންތަކެވެ.

ރޯދަ މަހު ކޮންމެ ގެއަކަށްވެސް ހާއްސަ ކަންތައްތަކެއް ހުރެ އެވެ. ބައެއް ގެތަކުގައި ރޯދަ ވީއްލާ ގަޑީގައި އެންމެން އެއްވެ ތިބެ ރޯދަ ވީއްލުން ސަގާފަތަކަށްވެފައި ވާއިރު އަނެއްބައި ގެތަކުގައި ހުސް ވަގުތު އެންމެން ގުޅިގެން ކުޅިވަރު ކުޅުން އޮވެ އެވެ. ނަމަވެސް މިހާރު މިފަދަ ސަގާފަތްތައް ދަނީ ނެތެމުންނެވެ. ދިރާގުގެ ވީޑިއޯ އިން އާކޮށްލަދިނީ މި ހަނދާންތަކެވެ.

މި ވީޑިއޯ ފަށާއިރު ފެންނަނީ ބައްޕައަކު ނަމާދުކޮށްގެން ގެއަށް އަންނައިރު ދަރިން ފޯނާއި ޓެބްލެޓް އަދި ވީޑިއޯ ގޭމް ކުޅުމުގައި އަވަދިނެތި އުޅޭ މަންޒަރެވެ. މިއީ ފަހަކަށް އައިސް ގިނަ ގެތަކުން ފެންނަ މަންޒަރެކެވެ. ޓެކްނޮލޮޖީއަށް އައި ކުރިއެރުމާ އެކު އެއް ގެއްގައި ދިރިއުޅޭ މީހުން ވެސް ވަނީ އެކަކު އަނެކަކާ ދުރުވެފަ އެވެ.

ދަރިން ވަކިން ތިބޭތަން ފެނުމުން އެ ބަައްޕަ އެކަމާ ކަންބޮޑުވެ، އޭނާގެ އަންހެނުން ގާތު އެ ވާހަކަ ބުނެ އެވެ. އޭގެ ފަހުން އޭނާ ކެރަމް ބޯޑު ނަގައި އެކަނި ކުޅެން ފަށަ އެވެ. މި މަންޒަރު އެންމެ ކުޑަ ދަރިފުޅަށް ފެނި އޭނާ ވެސް ބައްޕައާ ބައިވެރިވެ އެވެ. އެއަށް ފަހު ބާކީ ތިބި ދެ ދަރިން ވެސް ކެރަމް ކުޅުމުގައި ބައިވެރިވެ އެވެ.

"ކެރަމް ބޯޑު"ގެ ނަން ދީފައިވާ މި ވީޑިއޯ ނިމެނީ މުޅި އާއިލާ އެކުގައި ކެރަމް ކުޅޭ މަންޒަރުންނެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމާއި ހިނިތުންވުމެވެ.

މި ވީޑިއޯއާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ އެ ގެއެއްގައި ރޯދަ މަހު ގެންގުޅޭ ސަގާފަތްތަކުގެ ވާހަކަތައް ހިއްސާ ކުރަމުންނެވެ. އެގޮތުން، ބައެއް ގެތަކުގައި އާއިލާ އެންމެން އެކުގައި ތިބެ، ތާސް ކުޅުމާއި އޫނޯ، އަދި ކެރަމް ކުޅުމާއި ރޯދަ ވީއްލާ ވަގުތު ކުރާ ތަފާތު ކަންކަން ކިޔައިދީފައިވެ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާކުރި މީހަކު ބުނީ އޭނާއަށް މި ވީޑިއޯ ފެނުމުން އެންމެ ބޮޑަށް ހަނދާން ވަނީ ރޯދަ މަހު ބައްޕައާ އެކު ކެރަމް ކުޅުން ކަމަށެވެ. އަދި އެއީ އޭނާ، އޭނާގެ ބައްޕައާ އެކު ހޭދަ ކުރި އެންމެ އުފާވެރި ވަގުތުތައް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެން މީހަކު ވަނީ މި ވީޑިއޯ ފެނުމުން އޭނާގެ އާއިލާ މަތިން ހަނދާންވާކަމަށް ބުނެފަ އެވެ. އަދި މި އަހަރުގެ ރޯދަ މަސް، މިފަދަ ގޮތަކަށް އާއިލާ އެކު ހޭދަކުރަން ލިބޭ މީހުންނަކީ ނަސީބުވެރިން ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ގޭގެ ސަގާފަތް ހިއްސާކުރި އެހެން މީހަކު ބުނެފައިވާ ގޮތުގައި އޭނާގެ ގޭގައި ރޯދަ ވީއްލާއިރު މުބާރާތެއް ކުރިއަށްދެ އެވެ. އެއީ ހަވާދުލީ ބިސް އެންމެ ގިނައިން ކެވޭ މީހާ ބެލުމެވެ.

އެކުގައި ވަގުތު ހޭދަ ކުރެވޭނީ ހަމައެކަނި ކުޅިވަރު ކުޅެގެންނެއް ވެސް ނޫނެވެ. ބައެއް ގެތަކުގައި ބަދިގޭގައި ރޯދަ ވީއްލާ ތަކެތި ތައްޔާރުކުރާ ވަގުތަކީ ވެސް ހާއްސަ ވަގުތެކެވެ. އަދި ބައެއް ގެތަކުގައި ރޯދަ ވީއްލުމަށް ފަހު ނަމާދު ކޮށްގެން އެންމެ އެކުގައި ތިބެ "މުހައްމަދު ރަސޫލުﷲ" ޓީވީ ޝޯ ބެލުމަކީ ވެސް ސަގާފަތެކެވެ.

ރޯދަ މަހު އެކަކު އަނެކަކާ އެކު ވަގުތު ހޭދަ ކުރުމުގެ މުހިންމު ކަން ދިރާގުގެ މި ވީޑިއޯއިން ހާމަވެގެންދެ އެވެ.