މި ރޯދަމަހު ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް، އިތުރު ފީއަކާ ނުލައި ބެލޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިދީފި އެވެ.
ދިރާގުން މިއަދު ބުނީ ދިރާގު ޓީވީގެ އެންމެ ބޭސިކް ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނަށް ވެސް މި މަހު އިތުރު ފީއަކާ ނުލައި 100 އަށް ވުރެ ގިނަ ޗެނަލް ބެލޭނެ ކަމަށެވެ. އަލަށް ތައާރަފުކުރި "ގޯލްޑް" ޕެކޭޖު ނަގާފައިވާ ކަސްޓަމަރުންނަށް އަންނަ މަހު 150ރ. ގެ ޑިސްއުންޓެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖަކީ 450ރ. އަށް ހުރިހާ ޗެނަލެއް ބަލައިލެވޭ ގޮތަށް އަލަށް ތައާރަފު ކުރި ޕެކޭޖެކެވެ. މި ޕެކޭޖުން ޑިސްކައުންޓު ދޭން ނިންމީ ހުރިހާ ކަސްޓަމަރުންނަށް ވެސް ރޯދަ ހަދިޔާގެ ގޮތުގައި މި ހިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށް ދިރާގުން ބުންޏެވެ.
މި ހިދުމަތް ގުޅައިދިނުމުގެ ޕްރޮމޯޝަނެއް ވެސް ދިރާގުން ވަނީ ފަށައިފަ އެވެ. ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް މި ހާއްސަ ޕްރޮމޯޝަންގައި މުޅިން ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މޭ މަހުގެ ނިޔަލަށެވެ.
މި މުއްދަތުގައި ދިރާގު ޓީވީއަށް އަލަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގާނެ އެވެ. ގުރުއަތުން ހޮވޭ 20 ކަސްޓަމަރަކަށް ހަ މަސް ވަންދެން ދިރާގު ޓީވީގެ ހިދުމަތް ހިލޭ ލިބޭނެ އެވެ.
ދިރާގުން މިހާތަނަށް ވަނީ ރާއްޖޭގެ 77 ޕަސެންޓު ގޭބިސީ އަށް މި ހިދުމަތް ދީފަ އެވެ.