ދިރާގުން ރޯދަ މަހަށް ހާއްސަ އޮފާތަކެއް މިއަދު ތައާރަފު ކޮށްފި އެވެ.
އެ ކުންފުނީގެ ފިކްސްޑް ބްރޯޑް ބޭންޑުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މި ރޯދަ މަހު އެންމެ 45ރ. އަށް 10 ޖީބީގެ އެފްބީބީ ޑޭޓާ ބޫސްޓަރު އެކްޓިވޭޓް ކުރެވޭނެ އެވެ. މި ބޫސްޓާގެ މުއްދަތު މަސް ނިމެންދެން ހިނގާނެ އެވެ.
ދިރާގު މޮބައިލް ކަސްޓަމަރުންނަށް ހާއްސަ ކޮށްފައިވާ އޮފާގެ ދަށުން 200ރ. އަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300ރ. އަށް ރޯދަ 7ޖީބީ ބަންޑަލް އެކްޓިވޭޓް ކުރެވޭނެ އެވެ. މި ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެ އެވެ. މި ބަންޑަލްތައް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް އެސްއެމްއެސް ކޮށްގެންވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި މި މަހު އެ ކުންފުނީގެ ކަސްޓަމަރުން ބޫސްޓާ އަދި ރޯދަ ބަންޑްލްތަކަށް ކުރާ ހޭދައިގެ 10 ޕަސެންޓު ހަދިޔާ ކުރާނީ ތެލެސީމިއާ ސޮސައިޓީއަށެވެ.
"މި މަހަކީ ދީލަތިކަމާއި، އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މަހެއް. އެގޮތުން މި މާތް މައްސަރުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މި ފަހަރު ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓާ އަދި ބަންޑަލްތަކަށް ކުރާ ހަރަދުގެ 10 ޕަސެންޓް ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައި،" ދިރާގުން ބުންޏެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ދިރާގުގެ ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެގޮތުން، ޒަކާތް ދެއްކުމަށް ދިރާގު ޕޭ އެޕް ނުވަތަ އެ ކުންފުނިގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ކޮށްފައިވާ ލިންކް (https://bit.ly/3a1yQDI) އަށް ވަދެގެން ޒަކާތް ދެއްކޭނެ އެވެ.
މީގެ އިތުރުން ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން #5*454* އަށް ގުޅައިގެން ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ.