މުުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންކަމާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" އަށް ރޯދަ މަހަށް ހާއްސަ އާ ފީޗާތަކެއް އިތުރުކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި މި ރޯދަ މަހާ ދިމާކޮށް އިތުރުކުރި ފީޗާތަކުގެ ތެރޭގައި ހިމެނެނީ ދީނީ ކަންކަމާ ގުޅޭ ފީޗާތަކެވެ. މިހާރު އެ އެޕްލިކޭޝަން މެދުވެރިކޮށް ގުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔޭނެ އެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބެހޭ މައުލޫމާތު ކޮންމެ ދުވަހެއްގެ ހެނދުނު އެޕްގައި ޝާއިއުކުރާނެ އެވެ. މި މައުލޫމާތުގެ ތެރޭގައި އެ ދުވަހެއްގެ މައުލޫ އާއި، ދަރުސް ބާއްވާ މިސްކިތާއި ދަރުސް ދެއްވާ ބޭފުޅުންގެ ނަން ހިމެނޭނެ އެވެ. އަދި ނައު އެޕްގެ "ވީޑިއޯ" ބައިން ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައް ވެސް ބަލައިލެވޭނެ އެވެ.
އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރު ވެސް މި އެޕް ބޭނުންކޮށްގެން ފިތުރު ޒަކާތް ވެސް ދެއްކޭނެ އެވެ. އަދި ސަދަގާތް ދައްކައި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ނައު އެޕްގައި ވަނީ ހިމަނައިފަ އެވެ. ނައު އެޕްގެ "ޑޮނޭޝަންސް" ބައިން ނައު އެޕާ ގުޅިފައިވާ ޖަމިއްޔާތައް އެނގެން ހުންނާނެ އެވެ.
މި އެޕްގައި ހިމެނޭ ރޯދަ މަހަށް ހާއްސަ އެހެނިހެން ފީޗާތަކުގެ ތެރޭގައި، ނަމާދު ވަގުތުތައް ބަލައިލުމާއި ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކްކުރުން ފަދަ ފީޗާތަކުގެ އިތުރުން ރޯދަ ވީއްލަން ތައްޔާރުކުރާނެ ކާއެއްޗެހީގެ ރެސިޕީތަކާއި އެކި އެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ ވީއްލުން މެނޫތައްވެސް ބަލާލެވޭނެ އެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް މުހިންމު ފީޗާތައް ނައު އެޕްގައި ހިމަނައި، އެ އެޕް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.