ވޮޝިންޓަން (އެޕްރީލް 8) - އިތުރަށް ކުރިއަށް ދެވޭނެ މަގެއް ފެންނަން ނެތް ކަމަށް ވިދާޅުވެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީ އަށް ނުކުމެވަޑައިގެންނެވި ބާނީ ސޭންޑާސްގެ ކެމްޕޭން މިރޭ ނިންމަވާލައްވައިފި އެވެ.

ވާމަންޓުގެ ސެނެޓަރުގެ މި ނިންމެވުމާ އެކު ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން އަށް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އުމުރުން 77 އަހަރުގެ ބައިޑަންއާ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާނީ އޮގަސްޓް މަހު ބާއްވާ ކޮންވެންޝަނުގަ އެވެ. ބައިޑަން ދެން ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު މަހު ބާއްވާ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެވެ.

ބާނީ ސެންޑާސް (ކ) އާއި ޖޯ ބައިޑަން ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ބާނީ ސެންޑާސް (ކ) އާއި ޖޯ ބައިޑަން ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ކޮރޯނާވައިރަހާ ގުޅިގެން، ވޭތުވެދިޔަ ހަފުތާތަކުގައި އޮންލައިން ލައިވް ސްޓްރީމް ކެމްޕޭން އިވެންޓްތައް ބޭއްވެވި ނަމަވެސް އުމުރުން 78 އަހަރުގެ ސޭންޑާސްގެ ތާއީދު ފަހަކަށް އައިސް ވަނީ ދަށްވާން ފަށައިފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ހިލަރީ ކްލިންޓަނާ ވެސް ވާދަކުރެއްވި ސެންޑާސްގެ ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ މިރޭ ވިދާޅުވީ "ކެމްޕޭން ނިމުމަކަށް ގެންނަން ނިންމުމަކީ ވަރަށް އުނދަގޫވި" ކަމެއް ކަމަށެވެ. އެންމެ ފަހު ސްޓޭޓާ ހަމައަށް ވެސް ވާދަކުރެއްވުމަށް ބައެއް ސަޕޯޓަރުން ހިތްވަރު ދެއްވި ކަމަށް ވިދާޅުވެ އެ އެންމެންނަށް ވެސް ސޭންޑާސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"އަޅުގަނޑަށް ކުރިއަށް ދެވޭނެ މަގެއް އޮތް ނަމަ، ޔަގީނުން ވެސް ވާދަކުރީމުސް،" ސެންޑާސް ވިދާޅުވި އެވެ.

ސޭންޑާސް ވަނީ ބައިޑަން އަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"އެންމެން އެކުގައި މަސައްކަތްކޮށް، އެމެރިކާގެ ފަހުގެ ތާރީޚު ދުށް އެންމެ ނުރައްކާތެރި ރައީސް، ޑޮނަލްޑް ޓްރަމްޕް ބަލިކޮށްލެވޭނެ،" ސޭންޑާސް ވިދާޅުވި އެވެ.

ބައިޑަން ވަނީ ގައުމީ މަސްލަހަތު އިސްކުރެއްވީތީ ސޭންޑާސް އަށް ތައުރީފް ކުރައްވައި ޓްވީޓް ކުރައްވައިފަ އެވެ.