ވޮޝިންޓަން (މާޗް 4) - ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރުމަށް ޑިމޮކްރެޓިކް ޕާޓީން ނެރޭ ވައިޓް ހައުސް ކެންޑިޑޭޓް ހޮވަން ބޮޑު އަންގާރައިގައި ބޭއްވި ޕްރައިމަރީން ގިނަ ސްޓޭޓްތައް ޖޯ ބައިޑަން ކާމިޔާބު ކުރައްވައިފި އެވެ.
އެމެރިކާގައި ސުޕަ ޓިއުސްޑޭގެ ގޮތުގައި މަޝްހޫރުވެފައިވާ އަންގާރަ ދުވަހުގެ ޕްރައިމަރީގައި 14 ސްޓޭޓުގެ ތެރޭން އަށް ސްޓޭޓް ވަނީ ކުރީގެ ނައިބް ރައީސް ކާމިޔާބު ކުރައްވައިފަ އެވެ. އުމުރުން 77 އަހަރުގެ ބައިޑަން ވަނީ މެސަޗޫސެޓްސް، މިނެސޮޓާ، އޮކްލަހޮމާ، އާކަންސަސް، އަލަބާމާ، ޓެނެސީ، ނޯތު ކެރޮލީނާ އަދި ވާޖީނިއާ އިން ކާމިޔާބު ހޯއްދަވައިފަ އެވެ. ވާޖީނިއާ އާއި ނޯތު ކޮރޮލީނާ އަކީ މި އަހަރުގެ ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި ސްވިންގް ސްޓޭޓްތަކަށް ވުމުން އެ ދެ ސްޓޭޓް ކާމިޔާބު ކުރުމަކީ ބައިޑަން އަށް ލިބިވަޑައިގެންނެވި ބޮޑު ހިތްހަމަޖެހުމެކެވެ. ވާޖީނިއާގެ ވޯޓުގެ 53 ޕަސެންޓް ބައިޑަން ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.
ވާދަވެރި ޑިމޮކްރެޓިކް އަނެއް ކެންޑިޑޭޓް ބާނީ ސެންޑާސް ވަނީ މުހިންމު ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާގެ އިތުރުން ކޮލަރަޑޯ، އުޓާ އަދި ވާމޮންޓް ކާމިޔާބު ކުރައްވައިފަ އެވެ. އުމުރުން 78 އަހަރުގެ ސެންޑާސް އަށް މި ފަހަރު ނާކާމިޔާބުވި މިނެސޮޓާ އާއި އޮކްލަހޮމާ އަކީ 2016 ވަނަ އަހަރުގެ ޕްރައިމަރީގައި ހިލަރީ ކްލިންޓަންގެ މައްޗަށް ސެންޑާސް ކާމިޔާބު ހޯއްދެވި ދެ ސްޓޭޓެވެ. އެގްޒިޓް ޕޯލްތައް ދައްކާ ގޮތުން މުހިންމު އަނެއް ސްޓޭޓް ކަމަށްވާ ޓެކްސަސްގެ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ސެންޑާސް އެވެ.
ޕްރައިމަރީގެ ކާމިޔާބީ އަށް ފަހު ލޮސް އެންޖަލިސްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ "އަޅުގަނޑުމެން މިތިބީ ވަރަށް ހޭލައި" ކަމަށެވެ.
"މިކަމުގައި އަޅުގަނޑުމެން އެއްވެސް ގޯހެއް ހަދައިގެން ނުވާނެ. މި ކެމްޕޭން ވެގެން ދާނީ ޑޮނަލްޑް ޓްރަމްޕް ފޮށިތަންމަތި ބަނދެ ގެއަށް ފޮނުވާލާނެ ކެމްޕޭނަކަށް،" ބައިޑަން ވިދާޅުވި އެވެ.
އެމެރިކާގެ ގިނަ މީހުން ގަބޫލްކުރާ ގޮތުގައި ސުޕަ ޓިއުސްޑޭ އަށް ފަހު، ޑޮނަލްޑް ޓްރަމްޕާ ކުރިމަތިލާނެ ކެންޑިޑޭޓެއްގެ މަންޒަރު ސާފުވާން ފަށާނެ އެވެ. އެމެރިކާގެ 50 ސްޓޭޓުގެ ތެރޭން މިހާތަނަށް ވަނީ ހަތަރު ސްޓޭޓުގައި ޕްރައިމަރީ ބާއްވައިފަ އެވެ.