ވޮޝިންޓަން (ޖެނުއަރީ 17) - އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން އަންނަ ބުދަ ދުވަހު މަގާމާ ހަވާލުވެވަޑައިގަންވާ އިރު ހިންގަފާނެ ހަމަނުޖެހުމަކަށް އެމެރިކާގެ 50 ސްޓޭޓް އެލާޓަށް ގެނެސްފި އެވެ.
ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ހިންގި ފަދަ ހަމަނުޖެހުމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގައުމުގެ އެކި ހިސާބުތަކުން ނޭޝަނަލް ގާޑުގެ ސިފައިން ވަނީ ވޮޝިންޓަނަށް ފޮނުވައިފަ އެވެ. އެމެރިކާގެ 50 ސްޓޭޓުގައި ޓްރަމްޕަކަށް ތާއީދު ކުރުމުގެ މުޒާހަރާތައް ބާއްވަފާނެކަމުގެ އިންޒާރު އެފްބީއައި އިން ވަނީ ދީފަ އެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ވެރިރަށުގެ އެކި މަގުތަކުގައި މިހާރު ދަނީ ބެރިކޭޑް ޖަހަމުންނެވެ. ބައިޑަންގެ ޓީމުން މިހާރު ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ގައުމުގެ އެކި ހިސާބުތަކުން ވޮޝިންޓަނަށް ސަޕޯޓަރުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ބައިޑަން ހުވާ ކުރައްވާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ ދެ ފަހަރަށް އިމްޕީޗްކޮށްފަ އެވެ. ޓްރަމްޕުގެ މައްސަލަ ދެން ކުރިއަށް ގެންދާނީ ސެނެޓުގަ އެވެ. ޓްރަމްޕުގެ ސިޔާސީ ކުރިމަގު ގުޅިފައި ވަނީ ސެނެޓުން ނިންމާ ގޮތަކަށެވެ.
ޓްރަމްޕުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަފާނެތީ މެރީލޭންޑް، ނިއު މެކްސިކޯ އަދި ޔޫޓާގެ ގަވަރުނަރުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ކެލިފޯނިއާ، ޕެންސިލްވޭނިއާ، މިޝިގަން، ވާޖީނިއާ، ވޮޝިންޓަން އަދި ވިސްކޮންސިންގައި ވަނީ ނޭޝަލް ގާޑުން ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
ހަމަނުޖެހުން ބޮޑުވެދާނެހެން ހީވާ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ބޭރުގައި ވެސް ދަނީ ހަ ފޫޓް އުސް ފެންސެއް ޖަހަމުންނެވެ.