މި މަހުގެ 10 އިން 21 އަށް އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގި ގަތުލުއާންމުގެ ބަދަލުގައި، އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ 500 އަށް ވުރެ ގިނަ މެމްބަރުން ސިޓީއެއްގައި ސޮއިކޮށްފި އެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓް ދުވަހު ނޫސް ބުނާ ގޮތުން، ހުޅުވާލެވިފައިވާ މި ސިޓީގައި ސޮއިކުރި މީހުންގެ ތެރޭގައި، ރައީސް ޖޯ ބައިޑެންގެ އިންތިހާބީ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި ވަރަށް ގިނަ މީހުން ހިމެނެ އެވެ. އިޒްރޭލަށް ފިޔަވަޅު އެޅުމުގެ އިތުރުން، ފަލަސްތީނަށް އިތުރު ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ވެސް، މި ސިޓީގައި ބައިޑެން އަށް ގޮވާލާފައިވެ އެވެ.

މިސިޓީ ތައްޔާރުކޮށް މެމްބަރުން ލައްވައި ސޮއިކުރުވުމުގައި އިސްކޮށް އުޅުއްވަނީ، ސެނެޓްގެ މެމްބަރު ބާނާ ސޭންޑާ އާއި ސެނެޓްގެ މެންބަރުން ކަމަށްވާ އެލެގްޒެންޑާ އޮކާސިޔޯ ކޯޓޭޒް އާއި އިލްހާން އުމަރު އަދި ރަޝީދާ ތުލައިބް ފަދަ ބޭފުޅުންނެވެ. އިޒްރޭލުން ގާޒާއަށް ދިން އުދުވާނީ ހަމަލާތަކަށް ފަހު، އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް، ރައީސް ޖޯ ބައިޑެންއަށް ގޮވައިލާ އަޑުތައް، މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ.

އިޒްރޭލުގެ ހަމަލާތައް ކުރިއަށް ދިޔައިރުވެސް، އެ ހަމަލާތައް ހުއްޓުވައިދިނުމަށް އެދި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން، ރައީސް ބައިޑެންއަށް ފިއްތުންތައް ކުރިމަތި ކުރެއްވި އެވެ. ބައިޑެންއަށް ފޮނުއްވުމަށް ތައްޔާރުކުރި ހުޅުވާލެވިފައިވާ ސިޓީގައި، އިޒްރޭލުގެ އުދުވާންތައް ކުށްވެރިކުރުމާ އެކު، ހަމާސް އިން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތައް ވެސް ކުށްވެރިކޮށްފައިވެ އެވެ. އަދި އަސްކަރީ ގޮތުން ފަލަސްތީނާ ނުބައްދަލު ބާރުތަކެއް އިޒްރޭލަށް ލިބިފައިވާއިރު، ފަލަސްތީނުގެ ރަށްތައް އަޅުވެތިކޮށްގެން އޮތުމާއި ގާޒާ ހިސޯރުކޮށްފައި އޮތުމުގެ ސަބަބުން، އިޒްރޭލަށް ވަރަށް ބޮޑަށް ފާޑު ކިޔައި ކުށްވެރިކޮށްފައިވެ އެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 253 މީހަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ. އަދި ބޮމާއި މިސައިލް ހަމަލާތަކުގައި އެތައް ގެދޮރެއް ސުންނާފަތިކޮށްލުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ މަގުމަތިވެފަ އެވެ.