މިޔަންމާގެ ސަލާމަތީ ބާރުތަކުން 2017 ވަނަ އަހަރު އެ ގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އޮޕަރޭޝަންތަކުގައި އެތައް ހާސް އާންމުންނެއް މަރާލާފައިވާ ކަމަށް އދ. ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ބުނެފި އެވެ.

މިޔަންމާގެ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްތޯ ކަނޑައެޅުމަށް ބާއްވާ ތާރީހީ ހުކުމް އިއްވުމުގެ ޝަރީއަތުގައި ކޯޓުން ބުނީ، މިޔަންމާ ސިފައިން ރޮހިންޖާއިން މަރައި، ރޭޕްކޮށް، ކުޑަކުދިންނަށް އަނިޔާކޮށް، އަދި އެ މީހުންގެ އަވަށްތައް ސުންނާފަތިކޮށްފައިވާ ކަމަށެވެ.

"އެ މީހުން ވަނީ އެތައް ހާސް ރޮހިންޖާ އާންމުން މަރައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާތައް ދީ، ކުޑަކުދިންނާ ދެކޮޅަށް އިންތިހާއަށް އަނިޔާވެރި އަމަލުތައް ހިންގައި، އަދި ބަންގްލަދޭޝްއަށް ހިޖުރަކުރަން މަސައްކަތް ކުރި ގިނަ އަދަދެއްގެ ބަޔަކަށް ހަމަލާދީފައި،" އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވި އެވެ.

އިއްވަން ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ މި ހުކުމުގައި، މިޔަންމާއިން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގިކަމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ނަމަވެސް 2017 ވަނަ އަހަރު ހިންގި "ކްލިއަރެންސް އޮޕަރޭޝަން" ތަކުގައި 10،000 ރޮހިންޖާއިން އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ލަފާކުރެވޭ އަދަދަށް ހެކިތަކުން ބާރުލިބޭ ކަމަށް އިވަސާވާ ވިދާޅުވި އެވެ.

"އިންސާފަށް އެދެން"

ބަންގްލަދޭޝްގެ ބޯޑަރު ކައިރީގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ ރޮހިންޖާއިންނަށް، މި ހުކުމަކީ އިންސާފު ލިބުމުގެ އުއްމީދެކެވެ.

"އަހަރެން ބޭނުންވަނީ އިންސާފު،" އާއިލާއާ އެކު ކޭމްޕްގެ ދަތި ހާލުގައި ދިރިއުޅެމުންދާ، ރޭޕްގެ ޝިކާރައަކަށްވި އުމުރުން 23 އަހަރުގެ ރޮހިންޖާ އަންހެނަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

"އަންހެނުން ރޭޕްކުރި މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭ. އައިސީޖޭއިން މިކަމާ ގުޅޭ ގޮތުން ވަކިން އެއްޗެއް ބުނަން ޖެހޭ."

އަނިޔާވެރިކަމުން ސަލާމަތްވި އުމުރުން 20 އަހަރުގެ މުހައްމަދު އޮސްމާން އޭއެފްޕީއަށް ބުނީ، އޭނާ އުއްމީދު ކުރަނީ މި ހުކުމާ އެކު އެނބުރި ގައުމަށް ގޮސް، މިޔަންމާ ސިފައިން މަރާލި އޭނާގެ މައިންބަފައިންނާއި ކޮއްކޮގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުމަށް ކަމަށެވެ.

"އެ މީހުން އަހަރެންގެ ބައްޕަ ގަޔަށް ބަޑިޖަހައި މަރާލުމަށް ފަހު، އަހަރެންގެ މަންމަ އާއި އިތުރު އަންހެނުންތަކެއް ގެއަކަށް ވައްދައި ރޭޕްކޮށް، އަހަރެމެންގެ ގެދޮރު އަންދާލީ،" އޮސްމާން ކިޔައިދިނެވެ.

ނައްތާލުމުގެ އަމާޒު

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެކުލަވާލި 1948 ވަނަ އަހަރުގެ އދ. ގެ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން މިޔަންމާއާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށަހެޅީ ގެމްބިއާއިންނެވެ. އައިސީޖޭގެ 15 ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބަލަމުން އަންނަތާ ހަތް އަހަރު ވެއްޖެ އެވެ.

ގެމްބިއާގެ ޖަސްޓިސް މިނިސްޓަރު ދާވްދާ ޖަލޯ ވިދާޅުވީ، އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ) ގެ 57 މެމްބަރު ގައުމުގެ ފުރިހަމަ އެއްބާރުލުމާ އެކު އެ ގައުމުން މި މައްސަލަ ހުށަހެޅީ، އެތައް އަހަރެއް ވަންދެން އިންސާނީ ކަރާމާތް ނަގާލައި އަނިޔާ ލިބެމުންދިޔަ ބަޔަކަށް ކުރިމަތިކުރުވި އެންމެ އަނިޔާވެރި އަމަލުތަކުގެ ސައްހަ ރިޕޯޓްތައް ބެލުމަށް ފަހު ކަމަށެވެ.

"މިއީ ބައިނަލްއަގުވާމީ ގާނޫނުގެ އުނދަގޫ މައްސަލަތަކެއްގެ ވާހަކައެއް ނޫން. މިއީ ހަގީގީ އިންސާނުންތަކެއްގެ ވާހަކަ. މިޔަންމާގެ ރޮހިންޖާއިންގެ ވާހަކަ. އެ މީހުންނަށް އަމާޒުކުރީ އެއްކޮށް ނައްތާލަން،" ޖަލޯ ވިދާޅުވި އެވެ.

މި މައްސަލައިގައި މިޔަންމާއިން ވަނީ ނަސްލު ނައްތާލުމުގެ ތުހުމަތުތަކަށް އިންކާރުކޮށް، އެއީ ސަލާމަތީ ބާރުތަކުގެ ބަޔަކު މަރާލުމާ ގުޅިގެން ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެފަ އެވެ. ޖެނުއަރީ މަހު ބޭއްވި އަޑުއެހުންތަކުގައި މިޔަންމާގެ މަންދޫބު ކޯ ކޯ ހްލައިން ބުނީ "ޓެރަރިސްޓުންނަށް މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ދީގެން އަތްއުރާލައިގެން ތިބުމަކީ މިޔަންމާއަށް ލާޒިމް ކަމެއް ނޫން" ކަމަށެވެ.

ބައިނަލްއަގުވާމީ ޕްރެޝަރު

އައިސީޖޭގެ ނިންމުންތައް ތަންފީޒު ކުރުމުގެ ބާރު އެ ކޯޓަށް ލިބިފައި ނެތް ނަމަވެސް، މިޔަންމާއިން ނަސްލު ނައްލުމުގެ ޖަރީމާ ހިންގި ކަމަށް ކަނޑައަޅައިފި ނަމަ، އެ ގައުމުގެ ލީޑަރު މިން އައުން ހްލައިންއަށް ބައިނަލްއަގުވާމީ ޕްރެޝަރު އިތުރަށް ބޮޑުވާނެ އެވެ. ރޮހިންޖާ އޮޕަރޭޝަން ހިންގިއިރު އަސްކަރިއްޔާގެ ވެރިއަކަށް ހުރި ހްލައިން، 2021 ވަނަ އަހަރު ބަޣާވާތަކުން އައުން ސަން ސޫޗީގެ ވެރިކަން ވައްޓާލުމަށް ފަހު، މި އަހަރު ބޭއްވި އިންތިހާބަކަށް ފަހު ވަނީ މަދަނީ ރައީސްގެ މަގާމާ ހަވާލުވެފަ އެވެ.

ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން، ނަސްލު ނައްތާލުން ނުވަތަ ޖެނޮސައިޑްގެ ކުށް ސާބިތުކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ ވަކި ނަސްލެއް ނުވަތަ ދީނެއްގެ ބަޔަކު އެއްކޮށް ނުވަތަ އޭގެ ބައެއް "ނައްތާލުމުގެ ނިޔަތް" އޮތްކަން ސާބިތުކޮށްދޭން ޖެހޭތީ އެވެ. އައިސީޖޭއިން މީގެ ކުރިން ޖެނޮސައިޑްގެ ޖަރީމާ ހިނގިކަމަށް ކަނޑައަޅާފައިވަނީ އެންމެ ފަހަރަކު، 1995 ވަނަ އަހަރު ބޮސްނިއާގެ ސްރެބްރެނިކާގައި ހިންގި ގަތުލުއާންމާ ގުޅިގެންނެވެ.

ގާނޫނީ މާހިރުން މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަނީ، އިޒްރޭލުން ގާޒާގެ ފަލަސްތީނު ރައްޔިތުންގެ ނަސްލުހޭދުކުރާ ކަމަށް ބުނެ ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގައި ކޯޓުން އަމަލުކުރާނެ ގޮތުގެ ތަސައްވުރެއް މި ހުކުމުން ލިބޭނެތީ އެވެ.