މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ނަސްލު ނައްތާލުމުގެ (ޖެނޮސައިޑްގެ) ޖަރީމާ ހިންގާފައިވާ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ކަނޑައަޅައިފި އެވެ.

ދަ ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މި މައްސަލާގައި ކޯޓުން މިގޮތަށް ހުކުމްކުރީ ފަނޑިޔާރުންގެ ނުވަ ވޯޓު، ހަ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. 

މިއީ ދައުލަތަކުން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވާ ކަމަށް ބައިނަލްއަގުވާމީ ކޯޓަކުން ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަދި އެއީ ނާޒީ ހޮލޮކޯސްޓަށް ފަހު، ބައިނަލްއަގުވާމީ ކޯޓަކުން މިފަދަ ޖަރީމާއެއް ހިންގި ކަމަށް ނިންމި ހަތަރު ވަނަ ފަހަރެވެ.

ނަސްލު ނައްތާލުމުގެ ހަތަރު އަމަލެއް މިއަންމާގެ މައްޗަށް ސާބިތުވެފައިވެ އެވެ. އެއީ؛

- އާއްމުން މެރުން

- މަޖުބޫރުން ގިނަ ބަޔަކު ގައުމު ދޫކޮށް ދިއުން

- ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ދިނުން

- ދަރިމައިވުން ހުއްޓުވުމަށް މަސައްކަތް ކުރުން

ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، 2017 ވަނަ އަހަރުގެ ކުރިން ވެސް ރޮހިންޖާ މީހުންނާ މެދު އަމަލުކުރީ ދެ ވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގަ އެވެ. އަދި އެ މީހުންނަށް މަޖުބޫރުން ދަރިމައިވުން ކޮންޓްރޯލްކުރާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވާފައިވާ ކަން ފާހަގަކުރެއްވި އެވެ.

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ކޯޓަށް، 57 ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން ހުށަހެޅި މައްސަލައިގައި ގެމްބިއާއިން ވަނީ މިއަންމާއިން މަސައްކަތް ކުރީ ރޮހިންޖާ ދަރިކޮޅު އެއްކޮށް ނައްތާލުމަށް ބުނެފަ އެވެ. އެހެންވެ، 1948 ގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާ އިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އެ ދަރިފަސްކޮޅާ ދެކޮޅަށް ހިންގާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވައި އެކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް ކޯޓުން އަމުރުކޮށްދިނުމަށް އެދުނެވެ.

މި ހުކުމާއެކު ކޯޓުން ވަނީ ގެއްލުން ލިބުނު ރޮހިންޖާ ރައްޔިތުންނަށް ބަދަލު ދިނުމާއި އެ މީހުންގެ ހައްގުތައް އިޔާދަ ކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް އެކުލަވާލައި ތަންފީޒު ކުރުމަށް މިޔަންމާގެ މައްޗަށް އަމުރު ކޮށްފަ އެވެ.

މި އަމުރު ތަންފީޒުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލީ ރިޕޯޓެއް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ވެސް ވަނީ މުހުލަތު ދީފަ އެވެ.

އައިސީޖޭގެ މި ނިންމުމަކީ އިންސާފަށްޓަކައި ދިގު އިންތިޒާރެއް ކުރަމުން އައި އެތައް ލައްކަ ރޮހިންޖާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ މީހުންގެ ހައްގުގައި ވަކާލާތު ކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ. 

މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، ދަ ގެމްބިއާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހެޅި މައްސަލައަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު އެއްބާރުލުމެއް ލިބުނެވެ. ރާއްޖޭން ވެސް ވަނީ ފެބްރުއަރީ 2020 ގައި މި މައްސަލައިގެ ތެރެއަށް ތަދައްހުލުވުމަށް ނިންމައި، ގެމްބިއާއާ އެއްކޮޅަށް ރަސްމީކޮށް ގާނޫނީ ހުށަހެޅުންތައް ހުށަހަޅައިފަ އެވެ.

ރާއްޖޭގެ އިތުރުން ކެނެޑާ، ޑެންމާކް، ފްރާންސް، ޖަރުމަނު، ނެދަލޭންޑްސް އަދި އިނގިރޭސި ވިލާތުން ވެސް ވަނީ މި މައްސަލައިގައި ތަދައްހުލުވެފަ އެވެ. 

މި މައްސަލައިގެ ފެށުން ގުޅިފައިވަނީ އޮގަސްޓް 2017 ގައި މިޔަންމާގެ އަސްކަރިއްޔާއިން ރަކީން ސްޓޭޓްގައި ފެށި ވަރުގަދަ އަސްކަރީ އޮޕަރޭޝަނާ އެވެ. އެ އޮޕަރޭޝަންގައި އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް މަރާލައި، އަންހެނުންނަށް ޖިންސީ ގޯނާކޮށް، އަދި އެ މީހުންގެ ގެދޮރާއި އަވަށްތަކުގައި ހުޅުޖަހައި އަންދާލުމުގެ ސަބަބުން 700,000 އަށް ވުރެ ގިނަ ރޮހިންޖާ ރައްޔިތުން ވަނީ ފުރާނަ ސަލާމަތްކުރުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ. އދ. ގެ ތަހުގީގު ޓީމުތަކުން އޭރުވެސް ކަނޑައަޅާފައިވަނީ މިއީ ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގާފައިވާ އަމަލުތަކެއް ކަމަށެވެ.