ޖެނޮސައިޑް ކޮންވެންޝަން ތަންފީޒުކުރުމާ ގުޅޭގޮތުން، ދަ ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިއްވި ހުކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މި ހުކުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިސީޖޭގެ ހުކުމަކީ ޖެނޮސައިޑްގެ ކުށް ހުއްޓުވުމާއި އެ ކުށަށް އަދަބު ދިނުމާ ބެހޭ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ނެގެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

އަދި ބައިނަލްއަގްވާމީ ގާނޫނީ އިލްތިޒާމުތައް ނެގެހެއްޓުމާއި، ސުލްހަވެރި އަދި ޝަރުއީ ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އައިސީޖޭއިން އަދާކުރާ މުހިންމު ދައުރު މި ހުކުމުން ހާމަވެގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި މައްސަލައިގެ ޝަރީއަތަށް ތަދައްހުލުވި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ޖެނޮސައިޑް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ގާނޫނަށް އިހްތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި ޒިންމާދާރުކުރުވުމަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ. 

ޖެނޮސައިޑް ހުއްޓުވުމަށާއި، ޖަވާބުދާރީކުރުވުމާއި އިންސާފު ގާއިމްކުރުމުގެ އިތުރުން އިންސާނީ ކަރާމާތް ރައްކާތެރިކުރަން ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ހަރުދަނާކުރަން ވެސް ރައީސް ވަނީ ގައުމުތަކަށް ގޮވާލައްވައިފަ އެވެ. 

މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، ދަ ގެމްބިއާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހެޅި މައްސަލައަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ އެވެ. އެގޮތުން ރާއްޖެއިން ވެސް ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު މި މައްސަލައިގެ ތެރެއަށް ތަދައްހުލުވުމަށް ނިންމައި، ގެމްބިއާއާ އެއްކޮޅަށް ރަސްމީކޮށް ގާނޫނީ ހުށަހެޅުންތައް ހުށަހަޅައިފަ އެވެ.

ރާއްޖޭގެ އިތުރުން ކެނެޑާ، ޑެންމާކް، ފްރާންސް، ޖަރުމަނު، ނެދަލޭންޑްސް އަދި އިނގިރޭސިވިލާތުން ވެސް ވަނީ މި މައްސަލައިގައި ތަދައްހުލުވެފަ އެވެ. 

މި މައްސަލައިގެ ފެށުން ގުޅިފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު މިޔަންމާގެ އަސްކަރިއްޔާއިން ރަކީން ސްޓޭޓްގައި ފެށި ވަރުގަދަ އަސްކަރީ އޮޕަރޭޝަނާ އެވެ.

އެ އޮޕަރޭޝަންގައި އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް މަރާލައި، އަންހެނުންނަށް ޖިންސީ ގޯނާކޮށް، އަދި އެ މީހުންގެ ގެދޮރާއި އަވަށްތަކުގައި ހުޅުޖަހައި އަންދާލުމުގެ ސަބަބުން، 700,000 އަށްވުރެ ގިނަ ރޮހިންޖާ ރައްޔިތުން ވަނީ ފުރާނަ ސަލާމަތްކުރުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ. އދ. ގެ ތަހުގީގު ޓީމުތަކުން އޭރުވެސް ކަނޑައަޅާފައިވަނީ މިއީ ނަސްލު ނައްތާލުމުގެ ނިޔަތުގައި ހިންގާފައިވާ އަމަލުތަކެއް ކަމަށެވެ.