މިއަދު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ގެ 10 ކިލޯމީޓަރު ދުވުމުން ހުސައިން ފަޒީލް ހާރޫން އަދި އާއިޝަތު ރިޝްމީ އެއްވަނަ ހޯދައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުން މިއަދު ހެނދުނު 5:30 ގައި ފެށި މި ދުވުމުގެ ފިރިހެން އޯޕަން ކެޓަގަރީ ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ފަޒީލް އެއްވަނަ ހޯދީ 34 މިނެޓް 35 ސިކުންތުން ދުވެގެންނެވެ. އޭނާއާ އެންމެ ހަތަރު ސިކުންތުގެ ފަރަގަކުން ދެވަނަ ހޯދީ މުހައްމަދު އިރުފާން ރޭސް ނިންމީ 34 މިނެޓް 39 ސިކުންތުންނެވެ. ތިންވަނަ ހޯދީ ޢަބްދުﷲ ނާސިހް އެވެ.
އަންހެން އޯޕަން ކެޓަގަރީން ރިޝްމީ އެއްވަނަ ހޯދީ 41 މިނެޓް 32 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދި ފަސޫހާ އަހްމަދު ރޭސް ނިންމީ 45 މިނެޓް 47 ސިކުންތުންނެވެ. އޭނާއާ އެންމެ 11 ސިކުންތު ފަހަތުން 45 މިނެޓް 58 ސިކުންތުން ރޭސް ނިންމައިގެން ތިންވަނަ ހޯދީ އާމިނަތު ޖާއިޝާ ޖުނީޒް އެވެ.
10 ކިލޯމީޓަރު ރޭސް - ނަތީޖާތައް
އޯޕަން ކެޓަގަރީ (ފިރިހެން):
- ހުސައިން ފަޒީލް ހާރޫން (ބިބް 2075) – 00:34:35
- މުހައްމަދު އިރުފާން (ބިބް 2554) – 00:34:39
- ޢަބްދުﷲ ނާސިހް (ބިބް 8818) – 00:36:11
އޯޕަން ކެޓަގަރީ (އަންހެން):
- އާއިޝަތު ރިޝްމީ (ބިބް 5454) – 00:41:32
- ފަސޫހާ އަހްމަދު (ބިބް 1248) – 00:45:47
- އާމިނަތު ޖާއިޝާ ޖުނީޒް (ބިބް 676) – 00:45:58
މާސްޓާސް ކެޓަގަރީ (ފިރިހެން):
- ކަރީމް މޭކޮކް (ބިބް 6362) – 00:39:27
- ޢަބްދުﷲ އިބްރާހީމް (ބިބް 3074) – 00:40:28
- ރޮބިން ވޯލް (ބިބް 777) – 00:45:38
މާސްޓާސް ކެޓަގަރީ (އަންހެން):
- ޒާރާ ރިޔާޒް (ބިބް 7270) – 00:53:16
- މަރްޔަމް ޝަމީހާ (ބިބް 4976) – 00:58:58
- ފާޠިމަތު ނެލްފާ (ބިބް 5325) – 00:59:49
ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަނެއްގެ ގޮތުގައި ބަލައިގެންފައިވާ، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް ރޭސަސް (އޭއައިއެމްއެސް) ސެޓިފައިޑް ރޫޓެއްގައި ކުރިއަށްދިޔަ ރޭހުގައި، މިއަދު ހަވީރު ބޭއްވި ފަސް ކިލޯމީޓަރުގެ އޯޕަން ކެޓަގަރީން ވެސް ފަޒީލް އާއި ރިޝްމީ ވަނީ ތިންވަނަ ހޯދާފަ އެވެ.