ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ދުވުމުގެ ހަރަކާތް، "ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ގެ 17 ވަނަ އެޑިޝަން، 5،500 އަށްވުރެ ގިނަ ދުވުންތެރިން ވާދަކޮށް  ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި މި ރޭހަކީ ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަނެއްގެ ގޮތުގައި ބަލައިގެންފައިވާ، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް ރޭސަސް (އޭއައިއެމްއެސް) ސެޓިފައިޑް ރޫޓެއްގައި ކުރިއަށްދިޔަ ރޭހެކެވެ.

މިފަހަރުގެ ރޭހަކީ ދިރާގުގެ ރޯޑް ރޭހުގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ ދުވުންތެރިން ވާދަކުރި އެޑިޝަނެވެ. 

މިއަދު ބޭއްވި މި އަހަރުގެ ދިރާގު ރޯޑް ރޭހުގެ ބައިވެރިން، ދުވަން ތައްޔާރުވެގެން: 5،500 އަށް ވުރެ ގިނަ ދުވުންތެރިން މިފަހަރުގެ ރޭހުގައި ވާދަކުރި --- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދު ބޭއްވި މި އަހަރުގެ ދިރާގު ރޯޑް ރޭހުގެ ބައިވެރިން، ދުވަން ތައްޔާރުވެގެން: 5،500 އަށް ވުރެ ގިނަ ދުވުންތެރިން މިފަހަރުގެ ރޭހުގައި ވާދަކުރި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރޭ ދަންވަރު 2:30 ގައި ހާފް މެރަތަން އިވެންޓުން، މިފަހަރުގެ އެޑިޝަން ފެށި އެވެ. ރޭހުގެ ދެވަނަ އިވެންޓަކީ 10 10 ކިލޯމީޓަރުގެ ދުވުމެވެ. އެ އިވެންޓް ފެށީ މިއަދުގެ ފަތިހު 5:30 ގަ އެވެ. އަދި ރޭހުގެ އެންމެ ފަހު އިވެންޓް ކަމަށްވާ ފަސް ކިލޯމީޓަރުގެ އޯޕަން، ސްކޫލް އަދި ޓީމް ކެޓަގަރީތަކުގެ ދުވުން ކުރިއަށްދިޔައީ މިއަދު ހަވީރު 4:30 ގައެވެ.

އެ ވަގުތު ވެހެމުން ދިޔަ ބޯ ވާރޭ ތެރޭގައި ވެސް ރޭހުގެ ބައިވެރިން ވަނީ އިވެންޓްގައި ފޯރިއާ އެކު ބައިވެރިވެފަ އެވެ.

މި އަހަރުގެ ރޯޑް ރޭހުގައި އަލަށް ތަޢާރަފުކުރި ޓީމް ކެޓަގަރީތައް ކަމަށްވާ ކޯޕަރޭޓް، ރިސޯޓް، ރަނިން ކްލަބްސް އަދި ކޮލެޖް، ޔުނިވަރސިޓީ ކެޓަގަރީތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށް ދިރާގުން ބުންޏެވެ. ކޮންމެ ޓީމެއްގައި ހިމެނެނީ ހަތަރު ދުވުންތެރިންނެވެ.

 

މި އަހަރުގެ ދިރާގު ރޯޑް ރޭހުގައި ބައެއް ބައިވެރިން ދުވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އަހަރުގެ ދިރާގު ރޯޑް ރޭހުގައި ބައެއް ބައިވެރިން ދުވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދުވުމުގެ އިވެންޓްތަކުގެ އިތުރުން، ސެންޓްރަލް ޕާކުގައި ދުވުންތެރިންނާއި އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައި ދިނުމަށް ހާއްސަ ފުޑް ސްޓްރީޓާ އެކު އިވެންޓެއް ކުރިއަށްގެންދިޔަ އެވެ. 

ކުޑަކުދިންގެ ރައްކާތެރިކަމާއި ޞިއްޙީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ 12 ޖަމިއްޔާއަކަށް އެހީތެރިވުމުގެ ބައެއް ވެސް މި ފަހަރުގެ ރޭހުގައި ވެސް ދިރާގުން ވަނީ ހިމަނާފަ އެވެ.  ކޮންމެ ރަޖިސްޓްރޭޝަނަކުން ލިބޭ 100 ރުފިޔާ އާއި ހާއްސަ ބިބް ނަންބަރުތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް އެ 12 ޖަމިއްޔާގެ މެދުގައި ހަމަހަމައަށް ބަހާލާނެ އެވެ.

މިއަދު ބޭއްވި މި އަހަރުގެ ދިރާގު ރޯޑް ރޭހުގެ ބައިވެރިން، ދުވަން ތައްޔާރުވެގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދު ބޭއްވި މި އަހަރުގެ ދިރާގު ރޯޑް ރޭހުގެ ބައިވެރިން، ދުވަން ތައްޔާރުވެގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރޯޑް ރޭހަށް ދިރާގުން ޕާޓްނާޝިޕް ހެދި ޖަމިއްޔާތަކަކީ އާކް، ބީވީއައިއެސްއެމް، ކެންސަރ ސޮސައިޓީ، ކެއަރ ސޮސައިޓީ، ކެޕްސް، ޑައިބެޓީސް ސޮސައިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ، މަމްސް އެއިޑް، ޝީ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަދި ވީޓް އެވެ.

ދުވުންތެރިންގެ ފަރާތުން އެންމެ ގިނަ ވޯޓު ލިބޭ ފަސް ޖަމިއްޔާއަކަށް ދިރާގުން ހާއްސަ ގްރާންޓެއްގެ ގޮތުގައި 200،000 ރުފިޔާ (ކޮންމެ ޖަމިއްޔާއަކަށް 40،000 ރުފިޔާ) ހަދިޔާކުރާނެ އެވެ. އަދި އެކި ކެޓަގަރީތަކުން ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ޖުމްލަ 296،000 ރުފިޔާގެ ފައިސާގެ އިނާމު ވެސް ވަނީ ކަނޑައަޅާފަ އެވެ.