ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން (ޒިފްލީން) އެ ބޭފުޅުންގެ ކައިވެންޏެއް ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައި ނުވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ދޮންދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް 30 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް، އެ ތުހުމަތަށް އިންކާރުކޮށް ޝާހިދު ދިފާއުގައި ހައި ކޯޓުގައި ވިދާޅުވަނީ އޭނާގެ ދޮންދަރިއެއް ނުވެސް ހުންނަ ކަމަށެވެ.
ޝާހިދު ބަންދުކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށް ދިފާއުއެއްގެ ގޮތުގައި ޝާހިދު މިހެން މިއަދު ވިދާޅުވީ، "މިހާރު" އަށް ޔަގީންކުރެވިފައިވާ ގޮތުގައި އޭނާ އާއި ޒިފްލީންއާ ދެމެދު ކައިވެނީގެ ގުޅުމެއް ނެތުމުންނެވެ.
ރާއްޖޭގެ ފެމިލީ ކޯޓުގައި އެ ދެ ބޭފުޅުންގެ ކައިވެންޏެއް ރަޖިސްޓްރީކޮށްފައި ނުވާކަން "މިހާރު" އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.
ޝާހިދާއި ޒިފްލީން ކައިވެނި ކުރައްވައިގެން އުޅުއްވާ ކަމަށް ބުނެ އަޑުފެތުރިފައިވާތާ އެތައް ދުވަހެއް ވެފައިވީ ނަމަވެސް އެ ކަން އެ ދެ ބޭފުޅުން ވެސް މިހާތަނަށް އާންމުކޮށް ހާމަކުރައްވާފައެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝާހިދު ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ހުށަހެޅީ އަނިޔާ ލިބުނު ކުއްޖާގެ ސްކޫލުންނެވެ. އެ ކުއްޖާ ވަނީ އެފަދަ ވާހަކަތަކެއް ސްކޫލްގެ ކައުންސިލަރާ ހިއްސާކޮށްފަ އެވެ. އަދި ކައުންސިލަރު ވަނީ ކުއްޖާ ކިޔައިދިން ވާހަކަތަކުގެ ބަޔާނެއް ވެސް ފުލުހުންނަށް ދީފަ އެވެ.
ޝާހިދާ ދެކޮޅަށް ފުލުހުން އެ ބަޔާން ކޯޓަށް ހުށަހަޅާފައިވާއިރު، އޭނާ 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި މައިގަނޑު ސަބަބަކީ އެއީ އެވެ.
އެ އަމުރު އިސްތިއުނާފުކުރަން ޝާހިދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ ބަހުސަކީ ކުއްޖާއަކީ އޭނާގެ ދޮންދަރިއެއް ނޫން ކަމެވެ. އަދި ކުއްޖާއަކީ އޭނާގެ ދޮންދަރިއެއްކަން ބަޔާންކޮށް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ފޯމުގައި ބަޔާން ކޮށްފައި އޮތީ ގާނޫނާ ހިލާފަށް ކަމަށް ޝާހިދުގެ ފަރާތުން ކޯޓުގައި ފާހަގަކުރި އެވެ.
ނަމަވެސް، ކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މައްސަލައާ އެކު ހުށަހެޅި ބަޔާންތަކުން ކުއްޖާ ޝާހިދާ މުހާތަބުކުރަނީ 'ބައްޕި' ގެ ގޮތުގައި ކަމާއި ޝާހިދަކީ ކުއްޖާގެ ދޮންބައްޕަ ކަމަށް ކުއްޖާ ގަބޫލުކުރާކަން އެނގޭ ކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށެވެ.
ހައި ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ޝާހިދު ހައްޔަރުކޮށް އޭނާއަށް ގާނޫނީ އިންޒާރު ދިން އިރުގައި ވެސް ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށާއި އެހެންކަމުން މި ކުށުގެ ތުހުމަތަކީ އޭނާގެ މައްޗަށް ނުކުރާ ނުވަތަ ނުކުރެވޭ ތުހުމަތެއް ކަމުގައި ބަލައި، ނުކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޝާހިދު ހައްޔަރުކޮށް ބަންދުކުރުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.
ޝާހިދު ހައްޔަރުކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރާއިރު ކުއްޖާގެ ބަޔާން ނެތް ކަން ވެސް އޭނާގެ ފަރާތުން ކޯޓުގައި ފާހަގަކުރި އެވެ. ނަމަވެސް، ހުކުމްގައި ބުނީ މައްސަލަ އޮތް މަރުހަލާގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލަންޖެހޭ ކަމަކީ މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ނުވަތަ ނޫންކަން ކަމަށެވެ.
"އެކަން ކަނޑައެޅުމުގައި ކުއްޖާގެ ބަޔާން އޮތުން ލާޒިމެއް ނޫނެވެ. ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހަކު އެ ވާހަކަ ތަހުގީގަށް ކިޔައިދީފައި އޮތްއިރު، އެ ވާހަކަތަކާއި މައްސަލައިގައި ދެން ލިބުނު ހެކިތަކުން މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭ ކަމަށް ގަބޫލުކުރެވޭ ނަމަ އެކަން ސަބަބާއެކު ބަޔާން ކޮށްދީފައި އޮތުމުން ފުދޭނެ އެވެ،" ހުކުމްގައިވެ އެވެ.
އެހެންވެ ހައި ކޯޓުން ކަނޑައެޅީ ޝާހިދު ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައި ޝާހިދު މި މަހުގެ ކުރީކޮޅު ހައްޔަރުކޮށްފައިވަނީ އޭނާ ހުޅުމާލޭގައި ދިރިއުޅުއްވާ ހުޅުމާލޭ ރެއިންބޯ އޯޝަން ފްރޮންޓް އެޕާޓްމެންޓުންނެެވެ.