ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދު ހައި ކޯޓުން ތާވަލުކޮށްފި އެވެ.
ޝާހިދުގެ ފުރިހަމަ ނަން ހާމަނުކޮށް، ހައި ކޯޓުގެ ޝެޑިއުލްގައިވާ ގޮތުން ހުކުމް އިއްވުމުގެ މަޖިލިސް އޮތީ މިއަދު މެންދުރުފަހު 1:15ގަ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ކުރިއަށް ގެންދިޔައީ، މައްސަލައިގެ ބާވަތުން ސިއްރުކޮށްގެންނެވެ.
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ނިންމާލައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މި މަހު ފަހުކޮޅު އެވެ. އޭނާ މިހާރު ހުރީ ކްރިމިނަލް ކޯޓުން ނެރެފައިވާ 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ "ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ" އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދު ހައްޔަރުކުރިއިރު އޭނާ ގެންދެވީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.