ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއިދުކޮށްފި އެވެ. 

މައްސަލައިގެ ބާވަތުން ސިއްރުކޮށްގެން ހައި ކޯޓުގައި ގެންދިޔަ ޝަރީއަތުގައި މިއަދު އިއްވި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ، ޝާހިދު އެދުނު ގޮތަށް އަމުރު ބާތިލުކޮށްދެވެން ނެތް ކަމަށް ހުކުމް އިއްވި އެވެ. 

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މި މަހު ކުރީކޮޅު އެވެ. އޭނާ މިހާރު ހުރީ ކްރިމިނަލް ކޯޓުން ނެރެފައިވާ 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފަ އެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދު ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ "ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ" އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.