އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް) ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ އެ ދުވުމާ ގުޅޭ ގޮތުން ދިރާގުން އިއްޔެ ހަނދާންކޮށްދިން ގޮތުގައި، އެއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފެށުނީއްސުރެ މަނާކޮށްފައިވާ ހަރަކާތެކެވެ. އެއީ 2019 ވަނަ އަހަރު އެ ދުވުން ފެށި ފަހުން، އެ ހަރަކާތް މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި އާދަތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި އަޅާފައިވާ މުހިންމު ފިޔަވަޅެއްކަން ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.

މި އަހަރުގެ ދުވުމުގައި ދުވުންތެރިންނަށް ފެން ފޯރުކޮށްދޭ ސްޓޭޝަންތަކުގައި ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރުދާސް ތަށީގަ އެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި، ރީ-ޔޫސް ކުރެވޭ ފެންފުޅި ގެންގުޅުމަށް ހުރިހާ ދުވުންތެރިންނަށް ވެސް ދިރާގުން ބާރުއަޅަ އެވެ.

މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 18،000 ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުރުން ހުއްޓުވޭ ކަމަށް ދިރާގުން ބުންޏެވެ. މިއީ ރާއްޖޭގެ ނާޒުކު ކަނޑުގެ މާހައުލު ހިމާޔަތް ކުރުމަށާއި ޕްލާސްޓިކް ކުނި މަދުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.

މިދިޔަ އަހަރުތަކުގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަކީ، މިފަދަ ބޮޑެތި ހަރަކާތްތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވިދާނެކަން ސާބިތުކޮށްދީފައިވާ ކާމިޔާބު ހަރަކާތެއްކަން ވެސް ދިރާގުން ފާހަގަކުރެ އެވެ.

މި އަހަރުގެ ދުވުމުގައި 5،600 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.