ބާސެލޯނާ (އޮކްޓޯބަރު 3) – ސްޕެއިނުން ވަކިވާން ފެނޭތޯ ބެލުމަށް ކެޓަލޯނިއާ ސަރަހައްދުގައި އާދީއްތަ ދުވަހު ނެގި ވޯޓަށް ތާއީދުކުރުމަކީ މައްސަލައަކަށްވާ ނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަފާނެ ކަމަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.
ބާސެލޯނާ ނިސްބަތްވާ ސަރަހައްދު ކަމަށްވާ ކެޓަލޯނިއާގައި ނެގި ވޯޓުގައި ޕީކޭ ވަނީ ބައިވެރިވެފަ އެވެ. އެ ވޯޓަކީ ގާނޫނާ ހިލާފު ވޯޓެއް ކަމަށް ބުނެ ސްޕެއިނުގެ ސަރުކާރުން ވަނީ ވޯޓް ހުއްޓުވަން މަސައްކަތްކޮށްފަ އެވެ.
އެ ދުވަހު ކެޓަލޯނިއާގެ އާއްމު ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ ބާސެލޯނާ އިން ވަނީ ލަސް ޕަލްމަސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްދޭން އެދިފަ އެވެ. އެކަމަކު ސަޕޯޓަރުންގެ ސަލަމާތާއި ރައްކާތެރިކަން ކެޓަލޯނިއާގެ ފުލުހުން ކަށަވަރުކޮށްދޭ ކަމަށް ބުނެ ސްޕެނިޝް ލީގުން ވަނީ މެޗު ކުރިއަށް ގެންދަން ނިންމައިފަ އެވެ. އެކަމަކު އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން ބާސެލޯނާ އިން ނިންމީ ސަޕޯޓަރުން ނުވައްދާ ކުޅޭށެވެ.
ޕީކޭ ބުނީ ބާސެލޯނާ 3-0 އިން މޮޅުވި އެ މެޗަކީ އޭނާގެ ކެރިއަރުގެ އެންމެ "އުނދަގޫ" މެޗު ކަމަށެވެ.
"އަހަންނަށް ހީވަނީ އަހަންނަށް ކުރިއަށް ގެންދެވޭނެހެން. އެކަމަކު އަހަންނަކީ މައްސަލައެއް ކަމަށް ބޯޑަށް ހަގީގަތުގައި ވެސް ފެންނަންޏާ އަހަރެން ފަހަތަށް ޖެހި، 2018 ގެ ކުރިން ގައުމީ ޓީމުން ވަކިވެދާނަން،" ޕީކޭ ބުންޏެވެ.
ސްޕެއިން ގައުމީ ޓީމަށް ޕީކޭ ކުޅޭއިރު އޭނާ އަށް ބައެއް ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފަ އެވެ. ހާއްސަކޮށް ކެޓަލޯނިއާ އާއި ސްޕެއިން ވަކިކުރަން ދެކޮޅު ހަދާ ފަރާތްތަކުގެ ހަޅޭކާ އޭނާ އަށް ކުރިމަތިލާން ޖެހެ އެވެ. ދާދި ފަހުން ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ޕީކޭއާ ދިމާނުކުރަން ސަޕޯޓަރުން ގާތު އެދިފަ އެވެ.
ސްޕެއިނުގެ މައި ސަރުކާރުން މިނިވަންވާން ކެޓަލޯނިއާގެ ރައްޔިތުން ބޭނުންތޯ ބަލަން ނެގި ވޯޓުގައި ރައްޔިތުން އާނ ބަސް ބުނެފައިވާ ކަމަށް ކެޓަލަން ލީޑަރު ކާލްސް ޕުޖްޑެމޮން ވަނީ ވިދާޅުވެފަ އެވެ. ކެޓަލޯނިއާގައި ވަކި ދައުލަތެއް އުފެދިއްޖެ ނަމަ ސްޕެނިޝް ލީގުން ބާސެލޯނާ ވަކިވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެންވެއްޖެ ނަމަ އެ ޓީމު ވާދަކުރަން ޖެހޭނީ ޔޫރަޕުގެ އެހެން ވަރުގަދަ ލީގެއްގަ އެވެ. ކެޓަލޯނިއާގައި މިހާރު ވެސް ގައުމީ ޓީމެއް އޮވެ އެވެ. އެކަމަކު އެއީ ފީފާ އާއި ޔުއެފާގެ ހައިސިއްޔަތު ލިބިފައިވާ ޓީމެއް ނޫނެވެ. ކެޓަލޯނިއާގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންގެ ތެރޭގައި ޕީކޭގެ އިތުރުން ޕެޕް ގާޑިއޯލާ އާއި ސެސް ފެބްރިގާސް އާއި ކާލްސް ޕުޔޯލް އަދި ޒަވީ ހެނާންޑޭޒް ހިމެނެ އެވެ.