އެމެރިކާގެ ރައީސްގެ ދަތުރުތަކުގައި ބޭނުންކުރުމަށް ގަތަރުން ހަދިޔާކުރި، އެއާ ފޯސް ވަންގެ ސަލާމަތީ ކަންކަމާ މެދު، ރައީސް ޑޮނަލްޑް ޓްރަމްޕުގެ ތުރުކީ ދަތުރުގައި އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށް ބޯޓު އަނބުރާ ފޮނުވާލަން ނިންމައިފި އެވެ.
ޓްރަމްޕު އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި މައްސަލަތައް ހައްލުކޮށް، ބޭނުންވާ ފެންވަރަށް ބަދަލުތައް ގެންނަން މަހެއްހާ ދުވަހަށް ޖެޓް ފޮނުވާލާނެ އެވެ.
ޓްރަމްޕް، ބޯއިންގް 747-8 މަރުކާގެ މި އާ ބޯޓުގައި ފުރަތަމަ ދަތުރު ކުރެއްވީ މި މަހުގެ 1 ގައެވެ. ނަމަވެސް، އަންކާރާގައި ބޭއްވި ނޭޓޯގެ ބައްދަލުވުމަކަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް އޭނާ ބޭނުންކުރެއްވީ ކުރީގެ ބޯޓެއް ކަމަށްވުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ބޯޓުގައި މިސައިލުން ދިފާއުވުމުގެ ނިޒާމު ފަދަ ރައްކާތެރިކަމުގެ މުހިންމު ވަސީލަތްތައް ފުރިހަމައަށް ގާއިމުކޮށްފައެއް ނުވެ އެވެ. އަދި މި ރިޕޯޓާ ގުޅިގެން، ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ނޫހުގެ ރިޕޯޓަރުން ކޯޓަށް ހާޒިރުކުރަން ވެސް ނިންމައިފަ އެވެ.
"އޭގައި ގިނަ ވަސީލަތްތަކެއް އެބަހުރި. ނަމަވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަހެއްހާ ދުވަސް ތެރޭގައި، އެ ބޯޓު ފުރިހަމަކުރުމަށް ފޮނުވާލާނެ. އެހެންވީމާ އެމީހުން އެ ބޯޓު ފޮނުވާލައި، ފުރިހަމައަށް ތައްޔާރުކުރާނެ. އެކަމަށް މަހެއްހާ ދުވަސް ނަގާނެ،" ފުރިހަމަ ދިފާއީ ނިޒާމެއް ނެތް ބޯޓެއްގައި އަދިވެސް ދަތުރުކުރައްވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވި އެވެ.
އުމުރުން 80 އަހަރުގެ ޓްރަމްޕު މި ވާހަކަ ދެއްކެވީ ނިއު ޖާޒީގައި ބޭއްވި ވޯލްޑް ކަޕް ފައިނަލަށް ފަހު ވޮޝިންޓަނަށް އެނބުރި ވަޑައިގަތުމަށް ފަހު އެވެ. މީގެ ކުރިން އޭނާ ވަނީ އާ ބޯޓުގައި މައްސަލަތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. ނަމަވެސް ބޯޓަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ އެއްވެސް ތަފްސީލެއް ޓްރަމްޕު ނުދެއްވަ އެވެ.
އޭނާ ކުރިން ވިދާޅުވެފައިވަނީ ތުރުކީ ސަމިޓަށް ފަހު އެ ބޯޓު އިނގިރޭސިވިލާތުގެ އެއާބޭސްއަކަށް ފޮނުވާލީ ސިފައިންނަށް އެ ބޯޓު ދައްކާލުމުގެ ބޭނުމުގައި ކަމަށެވެ.
އެމެރިކާގެ ރައީސުން ދަތުރުކުރެއްވުމަށް 1990 އިން ފެށިގެން ބޭނުންކުރަމުންދާ ދެ ބޯޓު ބާވެފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ޝަކުވާ ކުރައްވަމުން ގެންދަވަނިކޮށް ގަތަރުގެ ޝާހީ އާއިލާއިން މި އަގުބޮޑު ބޯޓު ހަދިޔާކުރީ މިދިޔަ އަހަރުއެވެ. ސަތޭކަ މިލިއަން ޑޮލަރުގެ އަގުހުރި ބޯޓެއް ބޭރުގެ ގައުމަކުން ހަދިޔާކުރުމާ ގުޅިގެން މިއީ ސުލޫކީ، ގާނޫނީ އަދި ސެކިއުރިޓީ ގޮތުން ކަންބޮޑުވުން ހުރި މައްސަލައެއް ކަމަށް ބުނެ އެތައް ބަޔަކު ފާޑު ކިޔާފައިވެ އެވެ.
އާ ބޯޓުގައި މިހާރު ވަނީ ޓްރަމްޕް އަމިއްލައަށް ފަރުމާކުރެއްވި ރަތް، ހުދު އަދި ގަދަ ނޫކުލައިގެ އާ ޑިޒައިނެއް ހިމަނައިފަ އެވެ. މީގެ ކުރިން ބޭނުންކުރީ ހުދާއި މަޑު ނޫކުލަ އެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ލަސްވެ، ހަރަދު ބޮޑުވެފައިވާ، ބޯއިންގް ކުންފުނިން އަލަށް އުފައްދާ ދެ އެއާ ފޯސް ވަން ބޯޓު 2029 އާ ހިސާބުގައި ނިންމައި ހަވާލުކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. -- އޭއެފްޕީ